ގޮނޑުދޮށް ހިމާޔަތް ކުރުން

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ބޭރުމަތީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ޒީފަންނު ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމެވެ.

‎އެ ރަސްމިއްޔާތުގައި ރައްްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް އަދި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ބައިވެރިވެފައިވެ އެވެ.

‎މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދެއް ހެދުން ހިމެނެ އެވެ. މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 11.6 މިލިއަން ރުފިޔާއަށެވެ.

މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.