ހަބަރު

އައްޑޫ އާ ހޮސްޕިޓަލަށް އެމްއާރްއައި މެޝިނެއް ގެންގޮސްފި

އައްޑޫ އިކުއޭޓޯރިއަލް ސެންޓަރުގައި ތަރައްގީ ކުރާ އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން އައްޑޫ އަށް ގެންގޮސްފި އެވެ.

މެޝިނު ފޯރުކޮށްދޭ ކުންފުނިން ޗާޓަރު ކުރި ފްލައިޓެއްގައި އެ މެޝިން އައްޑުއަށް ގެންގޮސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އައްޑުއަށް ގެންދިޔަ އެމްއާރްއައި މެޝިނާއެކު އާ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ.

މި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޝިންތައް އިންސްޓޯލް ކުރުމަށް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު މެޑްޓެކް މޯލްޑިވްސްގެ ސީއީއޯ އަހްމަދު ހައިކަލް، އަވަސްއަށް މިއަދު ވިދާޅުވީ އެމްއާރްއައި މެޝިން ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މެޝިން އިންސްޓޯލް ކުރުމަށް ބޭނުންވާ އިންޖިނިއަރުން ވެސް މިވަގުތު އައްޑޫގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބާއްވަން އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ފަޅުވެ، ވީރާނާވާން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީ ކުރަން ފެށި އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިންމައި، މިއަހަރުގެ އޮގަސްޓުމަހު ހިދުމަތް ދެވޭވަރު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.