ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އައްޑޫއަށް ވަޑައިގެން ރައްޔިތުންނަށް ދައްކަނީ ދަޅަ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އައްޑޫއަށް ވަޑައިގެން ރައްޔިތުންނަށް ދައްކާފައިވާ ދަޅަތައް އައްޑޫގެ ރައްޔިތުން އަޑުއަހައި އެ ގަބޫލުކުރުމުން އައްޑޫގެ ކަންކަން ދިޔައީ ގޯހުން ގޯހަށް ކަމަށެވެ.
އިލްޔާސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެ ސިޓީގެ ރައްޔިތުން ގެންގުޅޭ ތަސައްވުރު އޭނާއަށްވުރެ ބޮޑަށް އެނގޭނެ އިތުރު ކެންޑިޑޭޓަކު ނެތް ކަމަށެވެ.
"މި އައްޑޫ ރައްޔިތުންގެ، މި ރާއްޖޭގެ ރައްޔިތުންގެ ތަސައްވުރެއް ވިސްނުމެއް ތަރައްގީކުރުމުގައި ބޭނުންވަނީ ކޮން ކޮން ކަމެއްތޯ އެނގިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ އަޅުގަނޑަށް ވުރެ ބޮޑަކަށް،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫއަށް ވަޑައިގަންނަވާ، އެތައް ވައުދެއް ވެވަޑައިގެންނެވި ނަމަވެސް އެ ވައުދުތައް ފުއްދާފައެއް ނުވެ އެވެ. އަދި އައްޑޫގެ ރައްޔިތުން ތިބީ ރައީސް ސޯލިހު "ގެއަށް ފޮނުވާލުމަށް" ތައްޔާރަށް ކަމަށް އިލްޔާށް ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް 7،000 ޓޫރިސްޓް އެނދު އިތުރުކޮށް ފަސް ގައުމަކުން އައްޑޫ ސިޓީއަށް ފްލައިޓްތައް ބޭއްވުމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް ގަމަށް ކުރިން ޖެއްސި ފްލައިޓްތައްވެސް މިހާރު ނުޖައްސާ ކަމަށާއި އައްޑޫގައި ހުރި ޓޫރިސްޓު އެނދުތައް ބަނދުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ ވެރިކަމެއްގައި އައްޑޫ ހިތަދޫ ޕޯޓަކީ އިންޓަނޭޝަނަލް ޓްރާންސްޝިޕްމަންޓު ބަނދަރަކަށް ހަދާނެ ކަމަށާއި އަދި ރީއެކްސްޕޯޓުކުރެވޭނެ ގޮތްވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް އިލްޔާސް ވިދާޅުވީ އައްޑޫގައި 85 ޒޯނެއްގައި ގެސްޓު ހައުސް އެޅުމަށް ދޫކޮށްފައިވީ ނަމަވެސް ފައިސާ ނެތުމާއި ގުޅިގެން އެތަންތަނުގައި ގެސްޓު ހައުސް ނޭޅި ހުރި ކަމަށާއި އެ ކަންކަމަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު މި އަންނަނީ އެ ގެސްޓުހައުސްތަކަށް ގޯތި ނެގި ފަރާތްތަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުގެ ސަރުކާރެއްގައި ފުރަތަމަ މަހުން ފެށިގެން އެޅޭނެ އިންތިޒާމު ހަމަޖައްސަން،" އިލްޔާސް ވިދާޅުވި އެވެ.
މާލެއިން އައްޑޫއަށް ވައިގެ މަގުން ދަތުރުކުރުމުގެ ޓިކެޓުގެ އަގު ބޮޑުވުމަކީ އައްޑޫގައި ޓޫރިޒަމް ކުރިއެރުމަށް ހުރަސް އަޅާ ކަމެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެ އަގު ކުޑަކޮށް ޓުރިސްޓުންނަށްވެސް ދިވެއްސެކޭ އެއް ވަރަށް ޓިކެޓުގެ އަގު ތިރިކުރާނެ ކަމަށާއި އައްޑޫ އެއާޕޯޓު އޭނާގެ ވެރިކަމުގެ ފުރަތަމަ މަސްތެރޭގައި ތަރައްގީ ކުރުމަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.