ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާ އެކަންކަން ހާމަކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ މެނިފެސްޓޯގައި ހިމެނޭ އުތުރާއި ދެކުނުގެ ތަސައްވުރު ހާމަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވަނީ ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ އިތުރުން އުތުރާއި ދެކުނަށް ގެންނާނެ ބަދަލުތައް އާންމުކޮށްފަ އެވެ.
އެ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އޮޕަރޭޝަނަށް ގެނައުމަށް އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް އެ އެއާޕޯޓުން އެކްސްޕޯޓްކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް މުދާ ގެންނަ ބޯޓުތަކަށް ބަނދަރާ ގާތް ކުރެވޭ ގޮތަށް ބަނދަރު ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
މިއާއެކު ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން މުދާ އެކްސްޕޯޓްކޮށް އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމަށް ހދ. ނޮޅިވަރަމްގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރުމަކީ ޑިމޮކްރެޓުންގެ ތަސައްވުރެކެވެ.
ޑިމޮކްރެޓުންގެ ތަސައްވުރުގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ހަރުދަނާކޮށް ސީ ޕްލޭން އޮޕަރޭޓް ކުރެވޭ ހަބެއް ގާޢިމުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ފުވައްމުލައް ބަނދަރު ބޮޑުކޮށް ޕެސެންޖާ ބޭނުންތަކަށް ހާޢްސަ ސަރަހައްދުތައް ހެދުމާއި ފުވައްމުލައް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ކަނޑައަޅާފައިވެ އެވެ.