ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.
ޑިމޮކްރެޓުންގެ ފަރާތުން މިކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމުރު އެވެ.
ޑިމޮކްރެޓުންގެ ފަރާތުން މި ދެ ބޭފުޅުން ހުށަހަޅުއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށެވެ.
ޑިމޮކްރެޓުންގެ މި ހުށަހެޅުމަކީ އެ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކާ އެކު ކޯލިޝަން ހަދާނަމަ އޮތް އެންމެ ބޮޑު ހުށަހެޅުމެވެ. ޑިމޮކްރެޓުންގެ މި ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ދެކޮޅު ހަދާފައިވާ ކަމަށްވެ އެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިާޔާލު ހޯދުމުގެ ޢާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް ވެސް އިލްޔާސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހު 25 ވަނަ ދުވަހު ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދޭން ޖެހޭ ކަމަށާއި އަދި އޭގެ ފަހުން މިމަހު 30 ވަނަ ދުވަހު ދެވަނަ ބުރުގެ ވޯޓުލުން ބާއްވަންޖެހޭ ކަމަށެވެ.
"ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާ،" އަމުރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ދެ ބުރު ދޭތެރޭ ނޫނީ ނިޒާމާ ބެހޭގޮތުން ރައްޔިތުންނަށް ބަހެއް ބުނުމުގެ ފުރިސަތު ނުލިބޭނެ ކަމަށާއި މިއީ ބަސް ބުނެވޭނެ "ހިނދުކޮޅު" ކަމަށެވެ.
"ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެންކަން މިދިޔަ ތިން ދައުރުން ސާފުވޭ. ރައްޔިތުންނާ ހަމައަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިހާބެއްގެ ފުރަތަމަ ބުރާ ދެވަނަ ބުރާ ދޭތެރޭ. އަޅުގަޑުމެންގެ ހުށައެޅުމަކީ މިއީ،" އަމުރު ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީ އިން ބުނީ އެ ޕާޓީތަކާ އެކު ކުރިއަށް ދާން ބޭނުންވާނަމަ އަންނަންޖެހޭނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. ޕީޕީއެމް ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް އަދި މިހާތަނަށް ކޯލިޝަން ހެދީ އެމްއެންޕީ އިން އެކަންޏެވެ.