ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން ރަށެއްގައި ހިންގި މަޝްރޫއުތަކެއް އިފްތިތާހުކޮށްފި

ސަރުކާރުން ތިން ރަށެއްގައި ހިންގި ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ވަނީ ބ. ދަރަވަންދޫ އާއި ކުޑަރިކިލު އަދި ރ. ކިނޮޅަހުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވާފަ އެވެ.

އެ ގޮތުން ރައީސް ސޯލިހު ވަނީ ބ. ދަރަވަންދޫ އާއި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ދެއްވާ ކުޑަރިކިލު ބަނދަރާއި ވޮލީކޯޓު ހުޅުއްވައިދެއްވާފަ އެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. މިމަޝްރޫއުގެ ދަށުން، ގޮނޑުދޮށަށް ވެލިއަޅައި، 144 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފަ އެވެ.

ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު އާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ކުޑަރިކިލުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރުފުންކޮށް، ރޭމްޕް ހަދައި، ނެރު ބައްތިއާ ބަނދަރު ބައްތި ޖަހައި، 1،630 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފަ އެވެ.

މީގެ އިތުރުން ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 819 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފަ އެވެ.

ރައީސް ސޯލިހު ރ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ވަނީ ކިނޮޅަހު ބަނދަރާއި އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފަ އެވެ.

ކިނޮޅަހު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަޙައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށިލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނެ އެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ -- އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ.

އެ ރަށުގައި ރައީސް ހުޅުވައިދެއްވި އާ އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ. އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ.