ފެނަކަ ކޯޕްރޭޝަން

ބ. އަތޮޅު ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ބ. އަތޮޅުގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވަނީ ބ. އަތޮޅުގެ ކުޑަރިކިލު، ދޮންފަނު، ފެހެންދޫ އަދި ފުޅަދޫގަ އެވެ. މީގެ އިތުރުން މި ހަތަރު ރަށާއި އެކު ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްވެސް ފެނަކައާއި ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އީއައިއޭ ސާވޭގެ މައްސަލަތަކެއް ޖެހި އެ މަޝްރޫ އަދި ނުފެށެ އެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައިވާ ބ. އަތޮޅުގެ ހަތަރު ރަށުގައި މިހާރު ކުރިއަށް ދަނީ އާރްއޯ އިމާރާތް އެޅުމުގެ މަސައްކަތްތައް ކަމަށް ފެނަކަ އިން ބުނެ އެވެ.

ރައީސް ސޯލިހުގެ ވެރިކަން ފެށިގެން އައި އިރު ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިފައިވަނީ އެންމެ އާބާދީ ބޮޑު ދެރަށް ކަމަށްވާ އޭދަފުއްޓާއި ތުޅާދޫގަ އެވެ.

ފެނާއި ނަރުދަމާގެ ނެތް ބާކީ 11 ރަށުގެ ތެރެއިން ދަރަވަންދޫގައި މިހާރު އަންނަނީ އެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ 95 އިންސައްތަ ވަނީ ނިމިފަ އެވެ. މީގެ އިތުރުން ކެންދޫ އާއި ކަމަދޫއާއި މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.