ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގޮއިދު އަތޮޅު ފަޅުތެރޭގައި ރިސޯޓެއް ހަދަނީ

ގޮއިދޫ، ފުޅަދޫ، އަދި ފެހެންދޫ ހިމެނޭ ގޮއިދު އަތޮޅު ފަޅުތެރޭގައި ރިސޯޓެއް ހެދުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން މިއަދު އިއުލާން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބ. އަތޮޅަށް މިހާރު ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ބ. ފުޅަދޫއަށް

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެނަމަ ގޮއިދޫ، ފުޅަދޫ، އަދި ފެހެންދޫ ހިމެނޭ ފަޅުތެރޭގައި ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން ރިސޯޓެއް ހެދުމަށް ޖާގަ ހުޅުވާލާނެ ކަމަށެވެ.

"މި ފަޅު ތެރޭގައި، ގޮއިދޫ ފުޅަދޫ ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން އޯޕަން ކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގޮއިދު އަތޮޅު ފަޅުތެރޭގައި ރިސޯޓް ހެދުމަށް ޝައުގުވެރިކަން ހުންނަ ވަރަށް ބައިވަރު މީހުން އެބަތިބި ކަމަށާއި ރާއްޖޭގެ ޓޫރިޒަމުގެ ތަރައްގީއަށް މިމަޝްރޫއަކީ ވަރަށް ބޮޑަށް އެހީވެދޭނެ މަޝްރޫއެއް ކަމަށެވެ. އަދި އެ ސަރަހައްދަކީ ޓޫރިޒަމު "ފައްކާ" ކުރުމަށް އެންމެ ރަނގަޅު ސަރަހައްދު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮތީ ގޮއިދު އަތޮޅުގައި ކަމަށާއި ހަމައެކަނި އެ ބީޗް ބަލާލުމަށްވެސް އެތައް ބަޔަކު އަންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެ ފަޅުގައި ރިސޯޓު ހެދުމަކީ ވަރަށް ބައިވަރު ވަޒީފާތަކުގެ ފުރުސަތުވެސް ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރައީސް ވަނީ ފުޅަދޫއަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ވައުދުވަޑައިގެންފަ އެވެ. އެގޮތުން އެރަށުގައި ގެންގުޅޭ ކުދި ޑިންގީތަކާއި، ކުދި ދޯނި ފަހަރު އެޅުމަށް ފްލޯޓިން ޖެޓީ އެއް ހެދުމަށާއި ރަށުގެ ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އަޅައިދިނުމަށާއި ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުމަށާއި ކުނި މެނޭޖުކުރުމަށްޓަކައި ވޭސްޓް މެނޭޖު ސެންޓަރެއް އަޅައިދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް އަޅައިދޭނެ ކަމަށާއި އެ ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. މިކަންތައްތަކާއި އެކު ފުޅަދޫއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.