ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މާރާމާރީއާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް ދެގުނަ ދަށްކުރެވިއްޖެ"

ރާއްޖޭގެ ކުށުގެ މައްސަލަތަކަށް ބަލާއިރު ނިމިދިޔަ ސަރުކާރާއި މިސަރުކާރާ އަޅާބަލާއިރު ދެގުނަ ދަށްކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބ. ފުޅަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިވޭތުވެދިޔަ ފަސް އަހަރާއި އޭގެ ކުރީގެ ފަސް އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުށުގެ މާހައުލަށް އެކަނި ބެލިކަމުގައިވިޔަސް ފުލުހުންނަށް ހުށަހެޅޭ އަދި ޝަރީއަތާ ހިސާބަށް ގޮސްފައިވާ މައްސަލަ ތަކަށް ބެލިޔަސް މިހާރު ކުރިއާ ބަލާއިރު ކުށުގެ މައްސަލަތައް ދެގުނަ ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ވައްކަމުގެ މައްސަލަތަކަށް ބެލިކަމުގައި ވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 26،176 މައްސަލަ ފުލުހަށް ހުށަހެޅި ތަހުގީގު ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުލުހަށް ހުށަހަޅާފައިވަނީ 18،000 މައްސަލަ ކަމަށް ފާހަގަކުރެއްވި އެވެ. މާރާމާރީގެ މައްސަލަތަކަށް ބަލާއިރު 5،602 މައްސަލަ ކުރީގެ ސަރުކާރުގައި ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް މިވެރިކަމުގެ ތެރޭގައި ފުލުހަށް ހުށަހަޅާފައިވަނީ މާރާމާރީއާ ގުޅޭ 2،773 މައްސަލަ ކަމުގައި ވިދާޅުވި އެވެ.

"މިދިޔަ ހަތަރު އަހަރު ދުވަހު ތެރޭގައި އޮގަސްޓު މަހާއި ހިސާބަށް އެވަނީ އޭގެ ދެގުނަ ކުޑަ ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފޭރުމުގެ 3،810 މައްސަލައެއް ކުރީގެ ސަރުކާރުގައި ފުލުހަށް ހުށަހެޅިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު މިވެރިކަމުގައި ފުލުހަށް ހުށަހަޅާފައިވަނީ ފޭރުމުގެ 1،786 މައްސަލަ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެެވެ.

"އެހެންމަ މަގުތަކަށް އަމާންކަން ގެނެވޭކަން، ފުލުހުންގެ ދައުރު ފުރިހަމަ އަށް އަދާކުރެވެމުން ދާކަން މިއިން ކޮންމެ ކަމަކުންވެސް ހަމަޔަގީނުންވެސް އެބަ ސާބިތުވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވެން ފެށުމުން ކުށްކުރުމުން ދުރުވެގެންދާކަން ހާމަވަމުންދާ ކަމަށެވެ. އަދި "އުފާވެރި އަމާން ރާއްޖެ" އެއް ބިނާކުރުގެ ބިންގާ މިހާރު މުޅިރާއްޖޭގައި އެޅިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ ވެރިކަމަށް އެމަނިކުފާނުގެ ކުރިން 100 ބޭފުޅުން ވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ސަރުކާރަކުންވެސް ކުދި ރަށްތައް އެކަހެރިކޮށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކުދި ރަށްތައް ބޭނުންކުރީ އެ ބޭފުޅުންގެ އަމިއްލަ ބޭނުންތަކުގައި އެކަނި ކަމަށެވެ. އެމްޑީޕީން 2018ގެ ވެރިކަމަށް އައުމަށްފަހު ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ހުރިހާ އެންމެނަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައި އެމަސައްކަތްތައް ނިމުމަކާ ހަަމައަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެ އެއް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.