ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް -- 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އެލަވެންސް 7،000 ރުފިޔާއަށް ބޮޑު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހުވަދޫ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން މިހާރު 65 އަހަރު ވުމާއެކު ވަޒީފާއިން ރިޓަޔާވުމަށް މަޖުބޫރުވި ކަމުގައިވިޔަސް އެކަން ބަދަލުކޮށް ރިޓަޔާވާ އުމުރު 65 އަހަރާއި 70 އަހަރާއި ދޭތެރެއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ރިޓަޔާވާ އުމުރު 70 އަހަރަށް ބަދަލު ކުރި ކަމުގައިވިޔަސް ގާނޫނުގައި މިހާރު އޮތް ގޮތާއި އެއްފަދައިން 65 އަހަރުގައިވެސް ރިޓަޔާވާން ބޭނުންވާ ފަރާތްތަކަށް ރިޓަޔާވެވޭނެ އެވެ. އަދި ހަމަ އެ ފަރާތްތަކަށްވެސް އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބޭނެ އެވެ.

ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ ގޮތުގައި މިހާރު 5،000 ރުފިޔާ ދިން ކަމުގައިވިޔަސް އެއީ މާ ކުރިން ނިންމާފައިވާ ގޮތެއް ކަމަށެވެ. އެހެންވެ އެ އެލަވަންސަށް ބަދަލު ގެނެސް އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސް ވަނީ އެކަން އިއުލާންކުރައްވާފަ އެވެ.

"އަޅުގަނޑުމެން އެ ސިޔާސަތު ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސެއް އަޅުގަނޑުމެން ދޭނަަން،" ރައީސް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވެންސެއްގެ ގޮތުގައި 5،000ރ. ދިނުމަށް ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދިނުމަކިީ ރައީސް ސޯލިހްގެ ކެމްޕޭންގައި ބައްދަލުވާ އާންމުންގެ ހުށަހެޅުމެއް ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.