ބ. ގޮއިދޫ

ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލަނީ

Nov 2, 2021

ބ. ގޮއިދޫއާއި ބ. ފެހެންދޫ ކޯޒްވޭ އަކުން ގުޅާލަން ނިންމާ އެކަމާ ގުޅޭ ފައިސާގެ ބައެއް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ސަރުކާރުން މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ހިމަނާފައި ވަނީ ގޮއިދޫގެ މަޝްރޫއެއްގެ ގޮތުގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ވަނީ އެ މަޝްރޫއުގެ ޕްރީޓެންޑަރިންއާ ގުޅޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ލައްކަ ރުފިޔާ އެވެ.

ކޯޒްވޭއާ ގުޅޭ ގޮތުން އަވަސް އިން ސުވާލުކުރުމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޔާން ވިދާޅުވީ ގޮއިދޫ ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް އެއްވެސް އިރަކު ގޮއިދޫ ރައްޔިތުންނާއި ކައުންސިލުން ސަރުކާރުގައި އެދިފައި ނުވާނެ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ގޮއިދޫ އާއި ފެހެންދޫ ގުޅާލުމުގެ މަސައްކަތް ފަށަން ބޭނުންވާ ފައިސާގެ ކުޑަ އަދަދެއް ނަމަވެސް ހިމަނާފައިވާ ކަން މިއަދާ ހަމައަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ސަރުކާރުން އެކަން ކުރާނަމަ ގޮއިދޫ ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ހަމަގައިމު ވެސް ބަޖެޓުގައި ތިކަން ކުރަން ހިމަނާފައިވަނީ އަޅުގަނޑުމެންގެ ބަހެއް ނެތި. ކޯޒްވޭ އަކުން ދެ ރަށް ގުޅާލައިފިނަމަ މިރަށުގެ މަސްވެރިން އެން ހޯދުމަށް ކުރަންޖެހޭ ދަތުރު ވަރަށް ބޮޑަށް ދިގުވެ އިތުރު ހަރަދުތަކެއް ހިނގާނެ. އެހެންވީމާ އެކަހަލަ ކަމެއް ހިނގާއިރު މި ހުންނަނީ ވިސްނާލަންޖެހޭ ކަންކަން،" ސިޔާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފެހެންދޫ ރައްޔިތުން ގޮއިދޫ އަށް ހިޖުރަކުރަން ބޭނުންވާނަމަ އެކަމަށް ގޮއިދޫ ރައްޔިތުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ކޯޒްވޭއެއް ހެދުމަށް ސަރުކާރުން ވިސްނީ ފެހެންދޫ ސްކޫލު ބަންދުކޮށްފައި ހުރުމުންނާއި ފެހެންދޫ އަށް ލަފާފޭބުމަށް ކުރީގައި ދަތިތަކެއް ހުރުމުން ކަމަށް ބެލެވޭ ކަމަށްވެސް ސިޔާން ވިދާޅުވި އެވެ.

"އެކަމަކު މިހާރު ފެހެންދޫގައި އަލުން ސްކޫލު ހުޅުވަން އެ ތައްޔާރުވަނީ. އަނެއްކާ ރަނގަޅު ފެންވަރެއްގެ ބަނދަރެއް ވެސް މިހާރު އެބައޮތް. އެހެންވީމާ ފެހެންދޫ ރައްޔިތުންނަށް އެ މައްސަލަތަކުގައި މިހާރު އެވަނީ ފަސޭހަތަކެއް ލިބިފައި،" ސިޔާން ވިދާޅުވި އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެހެންދޫ އަށް ވަޑައިގަތުމުން އޭރު ފެހެންދޫގެ ހާލަތު ހުރި ގޮތުން ގޮއިދޫއާއި ފެހެންދޫ ގުޅާލަ ދިނުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް އަށް ހުށަހެޅުއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިހާރު ފެހެންދޫގައި ސްކޫލެއް ހުޅުވި ބަނދަރުވެސް ނިމުމަކާ ހަމައަށް ގޮސްފައިވާތީ ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް ކުރިން ރައްޔިތުން ބޭނުންވި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެހޭނީ ކޯޒްވޭ އެއް ހަދާނަމަ މިހާރު ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބަލަން. ހަމަގައިމު ވެސް އަންނަ އަހަރު ބަޖެޓުގައި ކޯޒްވޭ ހެދުމަށް ފައިސާ ހިމެނުމަށް މިހާރުގެ ކައުންސިލުން ސަރުކާރުގައި އެދިފައެއް ނުވާނެ. މިއަދު ތިބޭފުޅުން ސުވާލުކުރުމާ ހަމައަށް ބަޖެޓުގައި ކޯޒްވޭ މަޝްރޫއު ހިމަނާފައި އޮތް ކަމަކަށްވެސް އެނގިފައެއް ނުވޭ،" ޖާދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުން ލިބޭނެ ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއާ އެކު މުޅި އެ ސަރަހައްދުގެ ތިމާވެއްޓަށް ބަދަލުތަކެއް އަންނާނެތީވެ އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ފެހެންދޫ އަކީ ރާއްޖޭގައި އެންމެ މީހުން މަދު އެއް ރަށަށްވީ ނަމަވެސް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމުގެ ވިސްނުން މިހާރު ނެތް ކަމަށްވެސް ޖާދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ އާބާދީ ކުޑަވުމަކީ އަޅުގަނޑުމެން ރަށް ތަރައްގީކުރުމަށް ފަސޭހަވާނެ ކަމެކޭ. ފެހެންދޫ އަކީ މިއަދު ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެއް. ރައްޔިތުން ބޭނުންވަނީ ފައިސާއާ ފުުދުންތެރިކަން. އަޅުގަނޑުމެން ލޯކަލް ޓޫރިޒަމްގައި މި ރަށް މިވިއްކަނީ މީހުން މަދު ރީތި ރަށެއްގެ ގޮތުގައި. ފައިސާ ހޯދައިގެން ރަށް ތަރައްގީކުރެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ،" ޖާދުﷲ ވިދާޅުވި އެވެ.

ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާއިރު އެއްފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫއާއި ފެހެންދޫގެ އިތުރުން ފުޅަދޫގެ ކަރަންޓް އެއްވިއުގަ އަކުން ގުޅާލުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރަށް އިއުލާންވެސް ކުރި އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު އަދި ލިބިފައެއް ނުވެ އެވެ.

ތުޅާދޫ ދާއިރާގައި ހިމެނޭ ގޮއިދު އަތޮޅުގެ ތިން ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިމަހުގެ 17 ނުވަތަ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ގޮއިދު އަތޮޅުގައި ހިމެނޭ ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސްގެ މިދަތުރުފުޅުގައި ކޯޒްވޭ މަޝްރޫއާއި، ކަރަންޓް އެއްވިއުގަ އަކުން ގުޅާލުމުގެ މަޝްރޫއާ ގުޅޭ މަސައްކަތްތަކެއް އިއުލާންކުރައްވާނެ އެވެ. އަދި ފެހެންދޫގައި މިސަރުކާރުން ހަދާ ފުރަތަމަ ސެޓެލައިޓް ސްކޫލު ރައީސް ހުޅުއްވައިދެއްވާނެ އެވެ.