ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ހަވާލުކޮށް ރައީސް ވައުދު ފުއްދަވަނީ

ރާއްޖޭގެ 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލު ކޮށްފި އެވެ. މިއާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވީ ވައުދު ފުއްދުމުގެ ފަހު މަރުހަލާ ފެށުނީ އެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރަން މިއަދު ހަވާކުރި ރަށްތަކަކީ ށ. ބިލެތްފަހި، ށ. ނޫމަރާ، ނ. މަގޫދޫ، ބ. ކިހާދޫ، ބ.ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ކުޑަރަކިލު، ވ. ރަކީދޫ، ގއ. ދެއްވަދޫ، އދ. ދިއްދޫ، ގދ. ނަޑެއްލާ، ލ. ކުންނަހަންދޫ، މ. ނާލަފުށި، ލ. ހިތަދޫ އަދ މ. ރަތްމަންދޫ އެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް މިއަދު ހަވާލުކުރި ރަށްތަކަކީ ނ. މިލަދޫ، ނ. ލަންދޫ، އދ. ފެންފުށި، ތ. ދިޔަމިގިލި، ކ. ތުލުސްދޫ، ތ. މަޑިފުށި އަދި އދ. އޮމަދޫ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ 23 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަސް ކުންފުންޏަކަށް ދީފަ އެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް އިލެކްޓިރް ކޮމްޕަނީ، މާކިޓެކް މޯލްޑިވިސް ޕްރިއިވެޓް ލިމިޓެޑް، ޑްބްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

ފެނަކައަށް ސަރުކާރުން ވަނީ 10 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފަ އެވެ. އަދި ހަ ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފަ އެވެ. ސްޓެލްކޯއަށް އެއް ރަށުގެ ފެނުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. މާކިޓެކް މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑަށް ދެ ރަށެއްގެ ފެނާއި ނަރުދާމާގެ މަސައްކަތް އަދި އެއް ރަށުގެ ފެނުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. ޑްބްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވަނީ އެއް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ފެނަކައާއި ހަވާލުކުރި ރަށްތަކަކީ ށ. ބިލެތްފަހި، ށ. ނޫމަރާ، ނ. މިލަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ބ. ކުޑަރިކިލު، ބ. ކިހާދޫ، ބ. ދޮންފަނު، ބ. ފެހެންދޫ، ބ. ފުޅަދޫ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ފެނަކައާއި ހަވާލުކުރީ މ. ނާލާފުށި، މ. ރަތްމަންދޫ، ތ. ދިޔަމިގިލި، ތ. މަޑިފުށި، ލ. ކުންނަހަންދޫ އަދި އދ. ފެންފުށްޓެވެ.

ސްޓެލްކޯއަށް ހަވާލުކޮށްފައި ވަނީ ކ. ތުލުސްދޫގައި ފެނުގެ މަސައްކަތް ކުރުމަށެވެ. އަދި މާކިޓެކް މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ ގއ. ދެއްވަދޫ އާއި ލ. ހިތަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށާއި އދ. އޮމަދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށެވެ. ޑްބްލެކްސް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ އދ. ދިއްދޫ އަދި ގދ. ނަޑެއްލާގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ ވ. ރަކީދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ.

މި މަޝްރޫއުތަކުގައި ސާވޭ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި، ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން އިދާރީ އޮފީސް ގާއިމުކުރުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ ދައުލަތުގެ ބަޖެޓުން އެ 23 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 920.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.