ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސުމަކުން ފަށަން ޖެހުނަސް ދުލެއް ނުކުރާނަން

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރަން ސަރުކާރުން ސުމަކުން ފަށަން ޖެހުނު ނަމަވެސް އެކަން ދޫކޮށް ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ނެތް ރަށްރަށުގައި އެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މި ސަރުކާރުން ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދު މިއަދު ފުއްދިއްޖެ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްކޮށްފައި ވަނީ 37 ރަށެއްގަ އެވެ. އަދި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ވަނީ 69 ރަށެއްގަ އެވެ.

މިއަދު އެ ނިޒާމް ގާއިމްކޮށްފައި ނުވާ ހުރިހާ ރަށެއްގައި އެ މަސައްކަތްކުރުމަށް ކޮންޓްރެކްޓް ހަވާލުކުރުމާއެކީ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޔަގީންވެގެން ދިޔަ ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކުރީ ސަރުކާރުތަކުގައި އެ މިންވަރަށް ވެސް އެކަން ކޮށްދެއްވާފައިވާތީ ކުރީގެ ރައީސުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ ސުމަކުން ފައްޓަވަން ޖެހުނު ނަމަވެސް މި މަސައްކަތަކީ ދޫނުކުރައްވާ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނު ކުރިން ދެއްކެވި ބައެއް ވާހަކަފުޅުތަކުގެ ހަނދާންތައް އާކުރައްވާފަ އެވެ. އެގޮތުން ތަރައްގީގެ ވާހަކަ ދައްކަވަންވާނީ ގައިންތާހިރުވެގެން ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވެވިއެވެ.

ވެފައިވެސް ދެން ވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި މެޝިނަރީތައް ނެރެވި ހޮޅިތައް ވަޅުލެވި ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިން ތާހިރުވެ ފެން މުޅި ރާއްޖެއަށް އެކިއެކީގައި ފެށުން. އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކައަކީ އަދި ވި ވައުދަކީ ވެސް އެއީ
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ފެނާ ނަރުދަމާގެ ނިޒާމާއެކީ ރާއްޖެ މިއަދު ފުރޮޅިގެން އަދި އިންގިލާބުވެގެން ދަނީ ތަރައްގީގެ މުޅިން އާ މަރުހަލާއަކަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީއިން ވަނީ ފަސް ކުންފުންޏަކާ ރާއްޖޭގެ 23 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފަ އެވެ. އެއީ މިހާތަނަށް އެ ނިޒާމް ގާއިމްކޮށްފައި ނުވާ ރަށްތަކެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރަން މިއަދު ހަވާކުރި ރަށްތަކަކީ ށ. ބިލެތްފަހި އާއި ށ. ނޫމަރާ އާއި ނ. މަގޫދޫ އާއި ބ. ކިހާދޫ އާއި ބ.ދޮންފަނާއި ބ. ފެހެންދޫ އާއި ވ. ރަކީދޫ އާއި ގއ. ދެއްވަދޫ އާއި އދ. ދިއްދޫ އާއި ގދ. ނަޑެއްލާ އާއި ލ. ކުންނަހަންދޫ އާއި މ. ނާލަފުއްޓާއި ލ. ހިތަދޫ އާއި ބ. ކުޑަރަކިލުގެ އިތުރުން މ. ރަތްމަންދޫ އަދި ބ. ފުޅަދޫ އެވެ.

އަދި ފެނުގެ ނިޒާމް ގާއިމް ކުރުމަށް މިއަދު ހަވާލު ކުރި ރަށްތަކަކީ ނ. މިލަދޫ އާއި ނ. ލަންދޫ އާއި އދ. ފެންފުށީގެ އިތުރުން ތ. ދިޔަމިގިއްޔާއި ކ. ތުލުސްދޫ އާއި ތ. މަޑިފުށި އަދި އދ. އޮމަދޫ އެވެ.