މުހައްމަދު އަސްލަމް

"މަޝްރޫތައް ހިންގަނީ ރައްޔިތުން އެދޭ ގޮތަށް"

ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫތައް މި ސަރުކާރުން ހިންގާފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައީސް ސޯލިހް ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ލަންދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ސަރުކާރުން ވަރަށް ގިނަ ތަންތާގައި އެއްފަހަރާ ކުރިއަށްގެންދާ ކަމަށެވެ. ރައްޔިތުން ކަންކަން ބޭނުންވާ ގޮތް ރަނގަޅަށް ސާފުކޮށް އެ އެދޭ އެދުންތަކަށް ލިބެން ހުންނަ ހައްލުތައް ހޯދައި، ދެބައި ގުޅުވައިގެން މަސައްކަތްތައް ކުރާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ އެދުންތައް ރަނގަޅަށް ސާފުވުމުން އެ އެދުންތައް ކަނުލާ އަޑުއަހާ ސަރުކާރެއް ކަމަށެވެ. ރާއްޖޭގައި ހިނގައިވާ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫތައް ހިންގާފައި ހުންނާނީ ރައޔްިތުން އެދޭގޮތަށް ސަރުކާރުން ކަންކަން ބަދަލުކޮށްގެންކަން ފާހަގަކުރައްވަމުން ވިދާޅުވީ އެކަމުގެ ހެއްކަކީ ލަންދޫގައި މިއަދު ހުޅުވި ބަދަރު ކަމަށެވެ.

ރާއްޖޭގެ ބަނދަރުތައް ހަދަން ފެށީ 1986 ގައި ކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ ބަނދަރުގެ މަސައްކަތް ފެށީ ކުޅުދުއްފުށީގައި ކަމަށެވެ. އަދި ވިދާޅުވީ އިގްތިސޯދީ ކުރިއެރުން ޓޫރިޒަމާއި އެކުގައި ކުރިއަރައި ދިޔަ އިރު ދިރިއުޅުމުފެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.