ކ. ކާށިދޫ ކައުންސިލުން މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށު ފަޅު ތެރޭގައި ރިސޯޓެއް ހެދުމަށް ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.
ކާށިދޫ ކައުންސިލުން މިހެން ބުނެފައި މިވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެ އެކަން ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވަނީ ކާށިދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭން އޮތް ގޮތް ހިއްސާކޮށްދެއްވުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލު ވެސް ކުރައްވާފަ އެވެ. ޖަވާބުގައި މިނިސްޓަރު ވަނީ ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކާށިދޫ ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށު ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި މަޝްރޫއު އަވަސްކޮށްދިނުމަށް ދޭތެރެދޭތެރެއިން ރައީސް އަށް ވެސް އެބަދަންނަވަން. ރައީސް އޮފީހުގައި ވެސް އެބަ އެދެން. އަދި ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުވާ ވަގުތު ތަކުގައިވެސް އެކަމަށް އެދެމުން މިދަނީ. މިހާރު ރިސޯޓް ޕްރޮޖެކްޓް ފެށިދާނެ ކަމުގެ ސިގްނަލް އެބަ ލިބޭ،" އާމިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ރިސޯޓް ހިންގާނެ ދެ މޮޑެލް އަކަށް މިހާރު މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެގޮތުން ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓްގައި ވެސް އަދި އިންޓަގްރޭޓް މޮޑެލްގައި ވެސް ކާށިދޫ ފަޅުގައި ރިސޯޓެއް ހިންގިދާނެ ކަމަށެވެ.
ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގައި ރަށް ތަރައްގީކޮށްފި ނަމަ އެ ރަށް އަންނާނީ ސަރުކާރުގެ ރަށްތަކުގެ ދަފްތަރަށެވެ. އިންޓަގްރޭޓް މޮޑެލްގައި ރަށް ތަރައްގީ ކުރުމުން އެ ރަށް ދާނީ ކާށިދޫ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށެވެ.
އާމިރު ވިދާޅުވީ ކިރިޔާވެސް ގޮތެއް އޮތްނަމަ ކައުންސިލުން ބޭނުންވަނީ ކާށިދޫ ފަޅު ތެރޭގައި އިންޓަގްރޭޓް މޮޑެލްގައި ރިސޯޓެއް ތަރައްގީކުރުމަށް ކަމަށެވެ. އެގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ސަރުކާރުގައި އެދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިމަޝްރޫއު ފެށޭނެ ސީދާ ދުވަހެއް ދަންނަވަން ދަތި. އެކަމަކު ޓޫރިޒަމް މިނިސްޓަރާ ޒޫމުން ބައްދަލުވި ދުވަހެއްގައިވެސް މި މަޝްރޫއުގެ ވާހަކަ ދެކެވިފައި ވާނީ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްފަހު ކާށިދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށް އެއްވެސް ބަޔަކު ޝައުގުވެރިވާނަމަ އަދި ސަރުކާރުގައި އެފަދަ ޕްލޭނެއް އޮތް ނަމަ އެކަމަށް އެހީތެރިވެ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެކަމަކު ކާށިދޫގެ ބިމުގައި އެއާޕޯޓެއް އެޅުމަށް ތާއީދު ނުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ އަޅުއްވަން ވިދާޅުވާ އެއާޕޯޓް އަޅުއްވަން ބޭނުންވީ ކާށިދޫގައި ދަނޑުވެރިކަން ކުރަން ދީފައިވާ ބިންތައް ހިމެނޭ ސަރަހައްދުގައި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިވަގުތު އެއާޕޯޓަކަށް އެންމެ ޝައުގުވެރިވެވަޑައިގެން އެ ވާހަކަދައްކަވަނީ އަބްދުﷲ ޖާބިރު ހެން. ދެން އަޅުގަނޑަކަށް ނޭނގޭ ޖާބިރު އެ ވާހަކަދައްކަވަނީ ހަގީގަތުގައިވެސް އެކަން ކޮށްދިނުމަށް ދައްކާ އަސްލު ވާހަކައެއް ގޮތުގައި ކަމެއް ނުވަތަ މީހުން ހައްދަން ދައްކާ ވާހަކައެއް ގޮތުގައި ކަމެއް. ކާށިދޫ އަކީ މާލެއާއި ދުރުގައި ވަކިން އޮންނަ ރަށަކަށް ވާތީ ރިސޯޓު މަޝްރޫއު ހަގީގަތަކަށް ވުމުން އަޅުގަނޑުމެން ވެސް އެއާޕޯޓެއްގެ ހުށަހެޅުން ސަރުކާރަށް ހުށަހަޅާނަން. އެކަމަކު އެކަން ކުރަންޖެހޭނީ ފަޅުތެރޭގައި." އާމިރު ވިދާޅުވި އެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ޝައުގުވެރިވާތީ ކާށިދޫ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާ ޖާބިރު ވަނީ އޭނާގެ ޕްލޭން ވެސް ހުށަހަޅުއްވާފަ އެވެ.
ޖާބިރުގެ ކެމްޕޭންގައި އޭނާ ވަނީ ކާށިދޫ އެއާޕޯޓު އޮންނާނެ ގޮތުގެ ޑިޒައިނެއްގެ ފޮޓޯތައް ދައްކާލާފަ އެވެ. ސަރުކާރުން ހުއްދަ ދީފި ނަމަ ޖާބިރު ޕްލޭން ކުރައްވާފައިވަނީ ކާށިދޫގައި 1،320 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއި 60 މީޓަރުގެ ޓެކްސީވޭ އަކާއި 45 މީޓަރުގެ އޭޕްރަން ހިމެނޭ އެއާޕޯޓެއް އެޅުމަށެވެ.