އދ. ދިއްދޫ ބަނދަރުގެ މައްސަލަ ހައްލުނުވުމުން އެ ރަށު ރައްޔިތުންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން އަބުދުﷲ ވިދާޅުވީ ރަށުގެ ރައްޔިތުން ނުކުމެ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ މައްސަލައާ ގުޅިގެން ސަރުކާރުން ލިޔުމުން ޖަވާބެއް ލިބެންދެން ރައްޔިތުން އިހުތިޖާޖު ކުރަމުންދާނެ ކަމަށް އެ މީހުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
ގައްސާން ވިދާޅުވީ މައްސަލަ ހައްލުުކުރުމަށް ހައުސިން މިނިސްޓްރީއާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މިހާރުވެސް ވާހަކަދައްކަމުންދާ ކަމަށެވެ. އަންނަ ހަފްތާގައި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ކަމުގައިވެސް ވިދާޅުވި އެވެ.
"މި ޖަވާބެއް ރައްޔިތުން ބަލައެއް ނުގަނޭ. ބޭނުންވަނީ ލިޔުމުން ޖަވާބެއް،" ގައްސާން ވިދާޅުވި އެވެ.
އދ. ދިއްދޫގެ ބަނދަރު ސަރުކާރުން ތަރައްގީކޮށް ނިންމާފައިވާއިރު މައްސަލަ ޖެހިގެން އުޅެނީ ބަނދަރުގެ ހުޅަނގު ފަރާތުން ނެރެއް ކަނޑާފައިވާ ގޮތުންނެވެ.
އޭނާ ވިދާޅުވީ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދް ސޯލިހުއާ ބައްދަލުކުރައްވާ ދެންނެވި ކަމަށެވެ. މިއަހަރުގެ ޖެނުއަރީ މަހު މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އޭރު ވިދާޅުވި ނަމަވެސް އަދިވެސް އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ގިނަ މަސްތަކެއް ވެގެންދާއިރުވެސް އަޅުގަނޑުމެންނަ މިކަމުގެ އެއްވެސް އަޕްޑޭޓެއް ނުލިބޭ. ހަދާނެ ގޮތެއް ނޭގިފައި މިތިބެނީ،" ގައްސާން ވިދާޅުވި އެވެ.
ގައްސާން އިތުރަށް ވިދާޅުވީ މިދިޔަ މަހު ނައިބް ރައީސް ފައިސަލް ނަސީމާ އެކު އެ ރަށަށް ދިޔަ އިންޖިނިއަރިން ޓީމަކުންވެސް ރަށުގެ ބަނދަރުގެ މައްސަލަ ބެއްލެވި ކަމަށެވެ. ނަމަވެސް ހައްލު ނުލިބޭތީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށެވެ.