ފައިސަލް ނަސީމް

ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބަކީ ޒުވާނުން: ނައިބް ރައީސް

Oct 8, 2022

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުން އައި ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް މިރޭ ރ. ދުވާފަރުގައި ބޭއްވި "ރ. ޓޫރިޒަމް އެކްސްޕޯ 2022"ގެ އެވޯޑް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެސް އަދާކުރެއްވި އެވެ.

ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ ބުރަަމަސައްކަތުން ކަމަށް ފާހަގަކުރައްވައި މީގެތެރެއިން ވެސް ހާއްސަކޮށް ދިވެހި ޒުވާނުން އެމީހުންގެ ޢާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުވުމަށް ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ގުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތިއުނދަގުލުގެ ތެރޭގައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށްވެސް ނައިބް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަންވަނަ ހާސިލްކުރި ފަރާތްތަކަށް މި ރޭގެ ހަފްލާގައި އިނާމު ހަވާލުކޮށްދެއްވެވީ ވެސް ނައިބް ރައީސް އެވެ. މިހަފްލާގައި އަތޮޅު ރިސޯޓް އެވޯޑް ހާސިލް ކުރި ދެ ރިސޯޓުގެ އެވޯޑް ވެސް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ނައިބް ރައީސް އެވެ. މި ހަފްލާގައި ރ. އަތޮޅު ކައުންސިލްގެ ފަރާތުން ނައިބް ރައީސް އަށް ވެސް ހަނދާނީ ފިލައެއް ވެދުމަަށް އެރުވި އެވެ.