ޝަންގްރިލާ ވިލިނިގިލި ރިސޯޓް

ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލައިފި

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. އައްޑޫ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން އޮތް ހުރަސް ސަރުކާރުގެ ހިއްސާ ދޫކޮށްލުމާއެކު ނައްތާލެވިފައިވާ ކަމަށާއި ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ.

ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަންގްރިލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވަނީ ރިސޯޓު ވީހާވެސް އަވަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އައްޑޫ ބިން ހިއްކުން ފެށުމަށް މިއަހަރުގެ ޖޫން މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޝަންގްރިއްލާގައި ހިންގާ އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމެނޭއިރު ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ ޝަންގްރިއްލާ ފަށަން އޮތް ހުރަހަކަށް ނަހައްދަވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.

މި ރިސޯޓު ފުރަތަމަ ހުޅުވީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ހުޅުވާފައި ނުވާތީ އެއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.