ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި ސަދަން މޯލްޑިވްސް ޓޫރިޒަމް އެސޯސިއޭޝަން (އެސްއެމްޓީއޭ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.
މި އެސޯސިއޭޝަންގެ މަގުސަދަކީ ދެކުނުގެ އަތޮޅުތަކަކީ ފަތުރުވެރިންގެ މެދުގައި ޝައުގުވެރިކަން ހުރި ވަކި ހާއްސަ މަންޒިލަކަށް ހެދުމެވެ.
އެސްއެމްޓީއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ރަށު ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމާއި ސަގާފީ އަދި ގުދުރަތީ ތަރިކައިގެ ތަންތަން ޕްރޮމޯޓްކުރުމާއި މި ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
އެ ގޮތުން މައިގަނޑު އަމާޒަކަށް ވާނީ މާކެޓިން ކެމްޕޭންތައް ހިންގުމާއި ދެކުނު ސަރަހައްދަށް ސީދާ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ފެށުމަށް ހިތްވަރު އެސްއެމްޓީއޭ އިން ބުނެ އެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކަނޑާއި ވައިގެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް ގާއިމުކޮށްގެން ރަށްތަކުގެ މެދުގައި ގުޅުން އިތުރުކުރުމަށްވެސް އެސްއެމްޓީއޭ އިން ވަނީ ރާވާފަ އެވެ.
ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެސްއެމްޓީއޭ އިން ބުނީ ތިމާވެށި ހިމާޔަތްކުރުމަށާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބުވުމަށް ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަކީ އަމާޒެއް ކަމަށާއި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރު އަޅައިގެން މަސައްކަތްކުރާނީ ރަށްފުށުގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް އެހީތެރިވެދީ ފަތުރުވެރިންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
އެސްއެމްޓީއޭ އުފެދިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ މުހިންމު ބާބެއް ފެށިގެން ދިއުން ކަމަށާއި މިއީ ރާއްޖޭގެ ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށްވުމަށް ދެކުނުގެ ރައްޔިތުންކުރާ މަސައްކަތުގެ ފެށުން ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.