އައްޑޫ ސިޓީގެ މުޅި މަންޒަރު ބަދަލުކޮށްލާ ފަދަ ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގެ ގިނަ ޕާޓްނަރުންތަކެއް ބައިވެރިވެގެން "ވޯލްޑް ސްޕޯޓްސް ސިޓީ - މަންޓާ ސާފް ވިލެޖް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ބައިވެރިންނާ އެކު އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ 2030 ވަނަ އަހަރަށް ނިންމަން އަމާޒު ކަނޑައަޅައިގެން ކުރިއަށް ގެންދާ މިމަޝްރޫއު މޫދު ކުޅިވަރުތަކަށް ވަކިން ހާއްސަކޮށް ރާޅާއެޅުމަށް ހާއްސަ ހަބެއް ހުންނާނެ ކަމަށެވެ.
"މީގެއިތުރުން މިތަން ނިމޭއިރު ރާއްޖޭގެ ޒަމާންވީ ކުޅިވަރުތަކާއި ރާއްޖޭގެ ސަގާފަތްވެސް ވަރަށް ރަނގަޅަށް ދައްކައިދޭނެ،" އޭނާ ވިދާޅުވި އެވެ.
އައްޑޫގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށް މި މަޝްރޫއުގެ ބައިވެރިންނާ އެކު އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކުރަމުންނެވެ.
އައްޑޫ ސިޓީގައި ހަދާފައިވާ ސަންގްރިއްލާ ރިސޯޓްގެ އިރުމަތީ ފަރާތުގައި ތަރައްގީކުރާ މިމަޝްރޫއު ނިމޭއިރު ލަގްޒަރީ ހޮޓާތަކާއި، ސްޕޯޓްސް އެކަޑެމީއަކާއި އަދި ބަޔޮސްފިއާ ރިޒާވެއް ވެސް ހެދުމަށް ނިންމާފައިވެ އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އައްޑޫއަށް ބިޔަ މަޝްރޫއުތައް ގެނައުމަށް ބޭރުގެ އެކި ކުންފުނިތަކާ ވާހަކަދައްކަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ އަދި ޔޫރަޕްގެ ބައެއް ކުންފުނިތަކުގެ ޝައުގުވެރިކަން އައްޑޫގައި އިންވެސްޓް ކުރަން ހުރި ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫގައި މިވަގުތު ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވަނީ ޝަންގްރިލާ، ޕާމްބީޗް އަދި ހެރެތެރެ އެވެ.
އައްޑޫގައި ޓޫރިޒަމް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަންކެޑެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ވަނީ ފެށުމުގެ މަރުހަލާގަ އެވެ.