ކްރޫޒް ލައިނާ

ދެ ކުރޫޒްލައިނާގައި 1،300 ފަތުރުވެރިން އައްޑޫއަށް

Jan 25, 2023

ދެ ކުރޫޒްލައިނެއްގައި 1،300 އެއްހާ ފަތުރުވެރިން އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފި އެެވެ.

އައްޑޫއަށް ގޮސްފައިވަނީ "ކޮރަލް އެކްސްޕެޑިޝަން" އާއި "އެމްއެސް އާރްޓާނިއާ" ނަމަކަށް ކިޔާ ދެ ކްރޫޒްލައިން އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮރަލް އެކްސްޕެޑިޝަންގައި ގާތްގަނޑަކަށް 50 ފަތުރުވެރިން އަދި އާރްޓާނިއާގައި 1،200 އެއްހާ ފަތުރުވެރިން އައްޑޫއަށް ދިޔަ ކަމަށެވެ.

ފަތުރުވެރިން އައްޑޫއަށް ދިއުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޭދޫ ބަނދަރުގައި އެމީހުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ ދެ ކުރޫޒްލައިންގައި ފަތުރުވެރިން އައްޑޫއަށް ދިއުމަކީ އެ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.

ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ރާއްޖެއަށް އަންނަ ކުރޫޒްލައިންތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 60 ކުރޫޒްލައިންގައި ފަތުރުވެރިން ރާއްޖެއަށް އަންނާނެ އެވެ. އެހެންވެ ކުރޫޒްލައިން މާކެޓަށް ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮވިޑަށްފަހު މާލެއަށް އެންމެ ފުރަތަމަ ކްރޫޒުލައިނެއްގައި ފަތުރުވެރިން މާލެ އައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.