މިނިސްޓްރީ އޮފް ޓޫރިޒަމް

"ޕްލާސްޓިކް ޗެލެންޖްގެ ފައިނަލްގައި ރާއްޖޭގެ 3 ޓީމް

ޔޫއެންޑަބްލިއުޓީއޯގެ ޕްލާސްޓިކް ޗެލެންޖެ ފައިނަލަށް ރާއްޖޭގެ ތިން ޓީމް ދިއުމަކީ ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝަވީލީ ވިދާޅުވެއްޖެ އެވެ.

ފައިނަލަށް ގޮސްފައިވަނީ ތާޖުއްދީން ސްކޫލް، އައްޑޫ ސިޓީގެ މަރަދޫ ސްކޫލް އަދި ބ. އަތޮޅު ސްކޫލްގެ ޓީމުތަކެވެ.

ފައިނަލަށް ދިޔަ ޓީމްތަކާ ޓޫރިޒަމް މިނިސްޓްރީގައި އޮތް ހަފްލާއެއްގައި ސެކްރެޓަރީ-ޖެނެރަލް ޒުރާބް ޕޮލޮލިކަޝަވީލީ ބައްދަލުކުރައްވައި ދަރިވަރުންނަށް މަރުހަބާކިޔާ ހިތްވަރު ދެއްވާފައި ވެއެވެ. ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ދުނިޔޭގެ 45 ގައުމެއްގެ 1000 އަށްވުރެ ގިނަ ދަރިވަރުންނާއެކު 155 ޓީމު ބައިވެރިވެގެން ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ތިން ޓީމު ހޮވުނުކަމީ ވަރަށް އުފާވެރިކަމެއް ކަމަށެވެ.

"ރާއްޖެއަށް ފަހުރުވެރިވުން ހައްގު. އަދި މިފަދަ ކާމިޔާބީއެއްގެ ފަހަތުގައި ދަރިވަރުންގެ ޓީޗަރުންނާއި ބެލެނިވެރިންގެ މުހިއްމު ދައުރެއް އޮންނާނެ." ޒުރާބް ޕޮލޮލިކަޝަވީލީ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްއަކީ މިހާރެކޭވެސް އެއްގޮތަށް ދެމެހެއްޓެނިވިގޮތަށް ކުރިއަރުވާ ހިންގުމަށް ހުރިހާ ފަރާތަކުންވެސް ދަރިވަރުން ހިމެނޭހެން ބާރުއެޅުއްވުމަށް ސެކްރެޓަރީ-ޖެނެރަލް އިލްތިމާސްކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވެސް ސްކޫލްތަކުން ހޯދި ކާމިޔާބީއަށް ޓީމުތަކަށް މަރުޙަބާ
ދެންނެވިއެވެ. އަދި ޔޫއެންޑަބްލިއުޓީއޯގެ ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖް މުބާރާތުގެ ސަބަބުން މި ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ޖޯޝު އާލާވެއްޖެ ކަމަށް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން ރީޔޫސްޑް/ރީސައިކަލްޑް އައިޓަމްސް ބޭނުންކޮށްގެން ތަކެތި އުފައްދާ ޚާއްސަ މައުރަޒެއް ބޭއްވުމަށް ގަސްދުކުރަން." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.