އަންނަ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އެ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވެފައި މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމުން އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި ކަމަށެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމާ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ރައީސް ނިންމެވީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.