ގާނާ

ގާނާގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި ކުންފުނިތަކުން އިންވެސްޓް ކުރަން ހުށަހަޅައިފި

Sep 5, 2022

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކޮށްދިނުމަށްޓަކައި ދިވެހި ކުންފުނިތަކުން އެ ގައުމުގައި އިންވެސްޓް ކޮށްދިނުމަށް ގާނާ ސަރުކާރުން އެދިއްޖެ އެވެ.

ގާނާގެ ހުށަހެޅުން ދިވެހި ސަރުކާރަށް ލިބުނީ ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކުވާކޫ އަސޫމާ ޝެރަމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވުމަށްފަހު މިއަދު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ގާނާ ސަފީރު ކުވާކޫ ވިދާޅުވީ ގާނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއް ކަމަށެވެ. އަދި ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވާ އެ ގައުމުގައި ދިވެހި ކުންފުނިތަކުން އިންވެސްޓް ކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ އަހަރު ކަމަށެވެ. އަދި ގާނާގެ ހުށަހެޅުން ގަބޫލުކުރައްވާ އެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދާ ސިނާއަތަކަށް ހެދުމަށް ކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.

ދިވެހިރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ އޮގަސްޓް 10، 1989 ގައެވެ.