ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިއޮތް ހިސާބަށް ގެނެވުނީ ވަރަށް ގިނަ ބައެއް މިންނަތްވ ބުރަ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި އެޕްރިސިއޭޝަން ރިސެޕްޝަންގައި ނުވަތަ ޝުކުރު ހައްގުވާ ފަރާތްތަކަށް ޝުކުރު ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެތައް ބަޔަކު ވެފައިވާ ގުރުބާނީގެ ވާހަކަ ކިތަންމެ ޖަލްސާއެއްގައި ވެސް ދެއްކިދާނެ ކަމަށެވެ.
"އެއީ ބާވާނެ ވާހަކައެއް ނޫން. އޭރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ދަތިތަކާއި ގޮންޖެހުންތައް ބޮޑު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ވެސް ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށާއި ރަށްރަށަށް އަރާ ފޭބުމަކީވެސް އެހާ އުނދަގޫ ކަމެއް ކަމަށެވެ. އޭރުގައި ވައިގެ މަގުން އެއް ރަށުން އަނެއް ރަށަށް މީހުން އުފުލުމަކީ އަދި މާބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކާބޯތަކެތި ވެސް ހޯދުމަކީ ގޮންޖެހުމެއް ކަމަށެވެ. ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓްކުރުން ވެސް އޭރުގައި އެއީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެކަށީގެންވާ ވަރަށް މީހުން ތަމްރީން ކުރެވިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހިންގެ ފަހުރާއި ޝަރަފެއް ކަމުގައިވި ފަތުރުވެރިކަން ކުރިއަރައިގެން ދިޔައީ އެތައް ބައެއްގެ ބުރަ މަސައްކަތުން. މީގެތެރޭގައި ރާނާ މީހުންނާއި ވަޑިންނާއި ކެއްކުންތެރިންނާއި ރޫމްބޯއީންވެސް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ރާއްޖެއަށް މިއަދު ލިބިފައިވާއިރު އެންމެން ގުޅިގެން އެ މަގާމު ދަމަހައްޓަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ މެހުމާންދާރީ އަދާކުރުން ކަމަށާއި މިހާރުވެސް ދިވެހިންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަން ފަތުރުވެރިން އަބަދުވެސް ގަބޫލުކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ މިއަދު ވާދަކުރަންޖެހިފައިވަނީ އެންމެ މަތީ ފަންތީގެ އެންމެ ބޮޑެތި ހޮޓެލް ޗެއިންތަކާ ކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް ދިވެހިން ތައާރަފުކޮށްގެން ތިބިއިރު މި އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ދިވެހިން އަދިވެސް އުފައްދަންޖެހޭ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.