ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް މި އަހަރު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށް އިނާމާބެހޭ ކޮމިޓީގެ މެންބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ކޮމިޓީއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލްވުމުގައި ރައީސް ސޯލިހް ވަނީ ހާއްސަ އިނާމު ދެއްވުމުގައި މިހާތަނަށް އަމަލުކުރައްވަމުން ގެންދެވި އުސޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް މި އަހަރު މި އިނާމު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ. ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖެއްސެވީ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޑޮކްޓަރު އަބްދުލްއަޒީޒް ޔޫސުފާއި ޑޮކްޓަރު އަހްމަދު އަލިމަނިކާއި އާއިޝަތު ޝާހީނާއި މަރްޔަމް ޝިފްޒާނެވެ. ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ ޑޮކްޓަރު އަބްދުލްމުހްސިން މުހައްމަދާއި އާއިޝަތު ސަމާހެވެ.
ހާއްސަ އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވުމުގެ މަގްސަދަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި ހިތްވަރާއެކު އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް އެފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބު ކުރުމުވެ.