މުހައްމަދު އަސްލަމް

ގޯއްޗަށް އެދުނު މީހުން ދިރިއުޅޭ ހާލަތު ނުބަލަން: އަސްލަމް

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބެލުމަށް ގޭގެއަށް ގޮސް ސާވޭ ނުކުރާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި ގޮތުގައި ހާލަތު ބެލުމަށް ސާވޭ ނުކުރީ ކުރީ ފަހަރުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު އެވެ.

"ގަސްތުގައި ނުދިޔައީ ގޭގެއަށް. ކުރީ ފަހަރުގެ ތަޖުރިބާއަކީ ގޭގެއަށްދާކަން އެނގުނީމަ އެމީހާ ދައްކަން ބޭނުންވާ ތަނެއްގައި އެމީހާ އުޅެނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެއީ އިންސާފުވެރިކޮށް ކުރެވޭނެ ކަމެއްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ލިސްޓު އެކުލަވާލުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން މީހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ލިސްޓު އެކުލަވާލުމުގައި މައުލޫމާތު ހޯދި ދައުލަތުގެ މުއައްސަސާތައް

  • ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އެމްއީޑީ)
  • އެންސްޕާ
  • ސިވިލް ސާވިސް ކޮމިޝަން
  • ޕެންޝަން އޮފީސް
  • ކޯޓުތައް

އަސްލަމް ވިދާޅުވީ ގޯއްޗަށް އެދުނު ބައެއް މީހުން މެސެޖުކުރި ކަމަށާއި ނަމަވެސް ވަކި ބަޔަކަށް ގޯތި ދިނުމަށް ލިސްޓެއް ހަދާފައިނުވާނެ ކަމަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށްފަހު އެ ފުރުސަތު ބަންދުކޮށް ގިނަ ދުވަސްތަކެއް ނުވެ ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓު އާންމުކުރާއިރު ގޯތި ދޭނެތަން ކަނޑައެޅޭނެ އެވެ.