އެޗްޑީއެފްސީ

ގެދޮރުވެރިޔާގެ ލޯނު ސްކީމުން 170 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު ސްކީމަށް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

"އެޕްރޫވް ކުރެވުނު 300 ލޯނުގެ ތެރެއިން 250އާ ގާތްކުރާ މިންވަރަކަށް އަޅުގަނޑު ގަބޫލުކުރަނީ ލޯނު މިހާރު ޑިސްޕާސްކުރެވެމުންދާނެއޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރުވެސް ސްކީމް ކުރިއަށް ގެންދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ސްކީމް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށެވެ.

މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ. ލޯނު ދޫކުރަނީ ހަ ޕަސަންޓް އިންޓްރެސްޓްގަ އެވެ.

މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާ އަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާ އަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.

މި ލޯނަށް އެންމެ ގިނަ ވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6،000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. 15 އަހަރަށް ބަހާލައިގެން ދައްކާނަމަ މަހަކަށް ދައްކަން ޖެހެނީ 5،907 ރުފިޔާ އެވެ. 16 އަހަރުން ނަމަ 5،680 ރުފިޔާ އެވެ. 17 އަހަރުންނަމަ 5،482 ރުފިޔާ ދައްކަން ޖެހެ އެވެ. 18 އަހަރުން ދައްކާނަމަ މަހަކަށް ޖެހެނީ 5،307 ރުފިޔާ އެވެ. އަދި 19 އަހަރުން ދައްކާނަމަ 5،153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5،015 ރުފިޔާ އެވެ.