މާލޭ ރައްޔިތުންނަށް ގޯތި ދޭނީ 600 އަކަ ފޫޓުގެ ބިމެއް އެމީހެއްގެ މިލްކިޔާތުގެ ނެތް މީހުންނަށް ކަމަށް ޕްލޭނިިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ މިއަަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
މީކާއިލް އެއްސެވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގައި ސަރުކާރުން ގެންގުޅޭނެ މިންގަނޑާ ގުޅޭ ގޮތުން ނެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޭނީ 600 އަކަ ފޫޓުގެ ބިމެއް އެމީހެއްގެ މިލްކިޔާތުގެ ނެތް މީހުންނަށް ކަަމަށާއި އަދި އެވަރުގެ ބިމެއް ވާރުތަވާން އޮތް ނަމަވެސް އެ ބިން ދޫކޮށްލަން ޖެހޭނެ ކަމަަށެވެ.
މީގެ އިތުރުން މާލޭގެ ދަފުތަރުގައި ޖެހުނު މީހުންގެ ތެރެއިން އެ މީހުންނަށް ލިބުނު ދަރިން ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ނަމަ އެ ދަރިންނަށް ވެސް ކުރިމަތިލެވޭނެ އެެވެ.
ގޯތިދޭ އިރު އުމުރަށް ބަލާނެކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އެކި އުމުރުތަަކަށް ސްކޯ ކުރުން ތަފާތުވޭ. 18 އަހަރާއި 25 އަހަރާއި އަދި 65 އަހަރަށް ދިޔައިމަ އަދި ގޯއްޗެއް ލިބުނަސް ފައިނޭންސް ރެއިސްކުރުމުގަ އިޝޫޒްތަކެއް އުޅޭނެ. އެހެންވީމާ އޭގެ އުޅޭ އުމުރުފުރާތަކަށް މާކްސް ދިނުމުގައި މީހަކާ އިނދެގެން އުޅޭތީއޭ ކިޔަފާއި އިތުރު މާކްސްއެއް ދިނުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އެހެން ނަމަވެސް ސްޕައުސް[އަނބިމީހާ ނުވަތަ ފިރިމީހާ] އާއެކު ޖޮއިންޓް އެޕްލިކޭޝަންސް [ހުށަހަޅާ] ބައިވެރިވާ މީހުންނަށް އަޅުގަނޑުމެން ސްކޯރިންއެއް ދޭނަން" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހާލަތަށް ވެސް ބަލާނެ ކަމަށާއި ނަމަވެސް އެކަން ބަލާނެ މިންގަނޑު އަދި ނުނިންމާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އެގޮތުން ހުޅުމާލެއިން 1000، ގުޅީ ފަޅުން 2000 އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތިދެން ވަނީ ކަނޑައަޅައިފަ އެވެ.