ބޯހިޔާވަހިކަން

ޝަރުތު ހަމަވާނަމަ ގޯތި ލިބޭނެ: އަސްލަމް

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ޝަަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕްރޮގްރާމަށް ޝަރުތު ހަމަވި އެންމެންނަށް ގޯތި ދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި 5،000 ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތެއް އެބަ އޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ކަންކަން ތަރުތީބުކުރާނެ ގޮތްވެސް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިއަދު އާންމުކުރާ ލިސްޓުން އެޕްލިކަންޓުން އެނގެން އޮންނާނެ ކަމަށެވެ. އަދި ޑިސްކޮލިފައިވީ މީހުން ޕޯޓަލް އިން އެނގޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ދޫކުރާ 5،000 ގޯއްޗަށް އެދި 15،164 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓުންނާއި އެކި މީހުންނާ ގުޅިގެން ޖުމްލަ 23،088 މީހުން މީހުން ހިމެނޭއިރު ޝަރުތު ހަމަވަނީ 12،794 ފޯމު -- 19،857 މީހުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.