މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓް ލިސްޓް އާންމުކޮށްފި، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ލިބޭނެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ މި ސްކީމަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާނު ކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާއިގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.

ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ މީހުންގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅިއިރުވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މައުލޫމާތުތައް ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުން މިއަދުން ފެށިގެން މިމަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށްވެސް މިމަހުގެ ދެވަނަ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފައިވެ އެވެ. އެފްޑީސީ އިން ކުރިއަށް ގެންދާ މިމަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ 37 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަަމަވެސް މި ފްލެޓްތަކަކީ ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތަކެއް ކަމަކަށް ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.