މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

4،000 ފްލެޓްގެ ލިސްޓަށް 7،400 އަށްވުރެ ގިނަ ޝަކުވާ

މި ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 7،400 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ 11:59 އަށް ހަމަވެފައިވާއިރު ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ލިސްޓަށް 7،421 ޝަކުވާ ލިބިފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅި ގޮތާއި ފޯމް ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ނުބަލައި މާކްސް ދީފައިވާ ގޮތް ސާފުނުވާ ކަމަށް ބުނެ ބަޔަކު ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ އިހުތިޖާޖުވެސް ކޮށްފަ އެވެ.

އާންމުގެ ޝަކުވާތަކެއް ހުރުމުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މިމަޝްރޫއުގައި ހިމެނޭ ޓަވަރުތަކުގެ ތެރެއިން ހަ ޓަވަރެއްގެ ފިނިޝިން މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.