ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާދިއްތަ ދުވަހު ނެރޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވި އެންމެންނަށް ފްލެޓު ދޭން ސަރުކާރުން ނިންމާފައިވާއިރު ފުރަތަމަ ލިޔުން ދޭން ނިންމާފައިވަނީ ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިބޭ މީހުންނަށް އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހަދަމުންދާ 4،000 ފްލެޓް ލިބޭ މީހުންނާއެކު ވެރިކަމުގެ މިދައުރު ނިމުމުގެ ކުރިން ސޮއިކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓް ލިބޭ މީހުން ޕްލޭނިން މިނިސްޓްރީން އަދި ތަރުތީބުކޮށްފައެއް ނުވެ އެވެ.