ފަހި ދިރިއުޅުން ކޯޕަރޭޝަން

4،000 ފްލެޓް މިއަހަރު ނިންމަން އިތުރު ލޭބަރުން ގެންނަނީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުންދާ 4،000 ފްލެޓް މިއަހަރު ނިންމުމަށް އިތުރު ލޭބަރުން ގެންނަން ނިންމައިފި އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓްތައް ނިމި ހަވާލު ކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން ގިނަ ބަޔަކު އޭނާއާ ސުވާލުކުރަމުންދާ ކަމަށެވެ.

ހަމްދާން ވިދާޅުވީ ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މަސައްކަތް ކުރަމުންދަނީ 4،000 ޔުނިޓް ނިންމާ މި އަހަރު ހަވާލުކުރުމަށް ކަމަށެވެ.

އެކަމަށްޓަކައި އިންޑިއާގެ އެންބީސީސީ ކުންފުނިން އިތުރު 250 ލޭބަރުން މި މަހު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމާރާތްތަކުގެ ސްޓްރަކްޗާގެ މަސައްކަތް ނިމުމުން ފިނިޝަންގެ މަސައްކަތަށް އަންސްކިލްޑް ލޭބަރުގެ ބަދަލުގައި ސްކިލްޑް ލޭބަރުން ނަގާނެ ކަމަށެވެ.

އިތުރަށް ގެންނަ މަސައްކަތްތެރިންނާއެކު މަޝްރޫއުގައި ހަރަކާތްތެރިވާ ލޭބަރުންގެ އަދަދު 3،000 އަށް އަރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓްތައް މިއަހަރު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަމްދާން ވިދާޅުވިއިރު އެ މަޝްރޫއުގެ ސްކޯޕްގައި މިދިޔަ ސަރުކާރުން ބައެއް މުހިންމު މަސައްކަތް ހިމަނާފައިނުވާ ކަމަށާއި އެކަންކަމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

މަޝްރޫއުގެ ހުލާސާއެއް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.