ފަހި ދިރިއުޅުން ކޯޕަރޭޝަން

މިސަރުކާރުގެ ނަމޫނާ ފްލެޓް ބަލާލުމަށް ފުރުސަތު ހުޅުވާލައިފި

Jan 22, 2023
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސަރުކާރުން ތަރައްގީކުރާ 4000 ހައުސިން ޔުނިޓް އާންމުންނަށް ދައްކާލުމަށް ފުރުސަތު ހުޅުވާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނިންމައިފި އެވެ.

މިސަރުކާރުގެ ފްލެޓްތައް ނިމޭއިރު ހުންނާނެ ގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ދެ ޔުނިޓެއްގެ ނަމޫނާ ތައްޔާރުކޮށްފަ އެވެ. މި ދެ ޔުނިޓްވެސް ތައްޔާރުކޮށްފައިވަނީ ޖޭއެމްސީ އިން މަސައްކަތްތައް ކުރިއަށް ގެންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މިއަދުން ފެށިގެން އެކްސްޕީރިއަންސް ޔުނިޓް އާންމުންނަށް ބަލައިލެވޭނެ ކަމަށެވެ. އެގޮތުން މިއަދުގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:00 އަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މާދަމާގެ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް ވެސް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

މިއީ މިސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.

ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެ އެވެ.