ނ. ލަންދޫގައި ސަރުކާރުން ތަރައްގީކުރި ބަނދަރު ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ލަންދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ބަނދަރު ހުޅުވުމާ އެކީ ލަންދޫ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދިއްޖެ ކަމަށެވެ. އެ ބަނދަރު އެންމެ ފުރަތަމަ 500 ފޫޓަށް ބޮޑުކުރަން ނިންމި ނަމަވެސް ބަނދަރުގެ ސައިޒު އިތުރަށް ބޮޑުކޮށް، ތަރައްގީކުރަން ރައްޔިތުން ބޭނުންވާތީ އެގޮތަށް ބަނދަރު ނިންމީ އެ ބަދަލާ އެކު ކަމަށް ވިދާޅުވި އެވެ.
ރަށު ކައުންސިލާ ބައްދަލުކުރެއްވުމުން ރައްޔިތުންގެ ފަރާތުން ދެވަނަ ކަމަކަށް ހުށަހެޅީ ދޯނި ފަހަރު އެހެލާނެ ރަނގަޅު ތަނެއް ހެދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމްޓީސީސީން އެރަށުން ފައިބާނީ ދޯނި އެހެލާނެ ތަނެއް ހަދައިދިނުމަށް ފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.
"އެމްޓީސީސީން މިރަށުން ފައިބައިގެން ދާނީ ރައްޔިތުން އެދޭގޮތަށް އޮޑި އެހެލާނެ ތަނެއް ގާއިމްކޮށްދީފައި. މި ރަށުގެ ތަރައްގީއަށް ވަރަށް ކަންކަން ކުރަން އެބަހުރި. ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑުމެން އެކަންކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެރަށު ރައްޔިތުން ބޭނުންވާ ވަރުގެ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ މިސްކިތެއް ބިނާ ކުރަމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 25 ރަށެއްގެ ބަނދަރު ތަރައްގީކޮށް ނިންމާފައިވާ ކަމަށެވެ. އަދި 39 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ލަންދޫގައި އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި ބަނދަރަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ. މި މަޝްރޫއުގެ މަސައްކަތް އެކުންފުނިން ނިންމާލާފައިވަނީ އިއްޔެ އެވެ. ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.