ހަބަރު

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުރަތަމަ ތައާރަފްކުރެވުނު އެއް ރަށް ކަމުގައިވާ ކ. މާފުށިއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމާއި އަދި ތޮއްޖެހުމުގެ މައްސަލައަށް ހޯދައި ދިނުމުގެ ގޮތުން މިއަދު އެރަށު ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބް އެވެ. މާފުށީގެ ބިން ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 249 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ އެވެ. މާފުށީގެ ބިން 25 ހެކްޓަރަށް ހިއްކައި 1110 މީޓަރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް އެމްޓީސީސާއާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 99،981،373 ރުފިޔާއަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރާނީ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަށް ވުރެ ކުރިން މާފުށީގެ ބިން ހިއްްކައި ނިމުމަށް ކަމަށެވެ. ޝާހު ވިދާޅުވީ އޮގަސްޓު މަހު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުން ފުރިހަމަކުރަން ޖެހޭ ބައެއް ކަންތައް ހުރުމުން މަސައްކަތް ނުފެށި ލަސްވެގެން ދިޔަ ކަމަށެވެ، އެގޮތުން އެމަސައްކަތްތަކަކީ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އާއި ޕަބްލިކް ކޮންސަލްޓެންސީ ހެދުމުގެ މަސައްކަތް ކަމަށެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މާފުށީގެ ބިން ނުހިއްކި ލަސް ވެގެން ދިޔައީ ޕަބްލިކް ކޮންސަލްޓެންސީއާ އީއައިއޭ ހަދަން ނެގި ވަގުތުގެ ސަބަބުން ކަމަށެވެ،

އިތުރަށް އަސްލަމް ވިދާޅުވީ، ޕަބްލިކް ކޮންސަލްޓޭޝަނާއެކު މާފުށީގެ ބިން ހިއްކުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އެރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެރަށު ރައްޔިތުން ހިއްކާ ސަރަހައްދުން ކުރިއަށް އޮތް ތަނުގައު ނަފާ ހޯދައި ދިވެހި ދައުލަތަށް ފައިސާ ވައްދައިދޭނެ ކަމަށެވެ.

މާފުށިއަކީ މި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ވިޔަފާރިއަށް ހާއްސަ ކޮށްގެން ހިއްކާ ފުރަތަމަ ބިމެވެ. މީގެ ކުރިން މި ސަރުކާރުން ބިން ހިއްކާފައިވަނީ އެއާޕޯޓް އެޅުން ފަދަ ޕްރެޖެކްޓުތަށް ކުރިއަށް ގެންދިޔުމަށެވެ.