މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިންމަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކު ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެެވެ.
އަސްލަމް މިހެން ވިދާޅުވީ ކ. މާފުށްޓަށް އިތުރުކުރި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
އަސްލަމް މިއަދު ވިދާޅުވީ ކޮވިޑްގެ ހާލަތުގައިވެސް ހުއްޓާނުލައި ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި އަދި އާ މަސައްކަތްވެސް ފެށި ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ވެސް މި ސަރުކާރުން ހިންގާހާ ސްޕީޑާއި އަދަދުގައި މަޝްރޫއުތައް ފެނިފައިނުވާ ކަމަށެވެ.
މިކަމަށް ރިއާޔަތްކޮށް މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އަދި ނިމިފައިވާ މަޝްރޫއުތަކުގެ ތަފްސީލު އޭގެ ހެއްކެއްގެ ގޮތުގައި އަސްލަމް ދެއްކެވި އެވެ.
އެގޮތުން 60 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު އެކި މަރުހަލާތަކުގައި ހިމެނޭއިރު 25 ބަނދަރެއް ނިންމާފައިވާ ކަމަށެވެ. އަދި ހަތަރު ރަށެއްގެ ބިން ހިއްކައި 14 ރަށެއްގެ ބިން ހިއްކުން އެކި މަރުހަލާތަކުގައި އެބައޮތް ކަމަށެވެ.
،މީގެ އިތުރުން ހަތަރު ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް އެކި މަރުހަލާގައި 24 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެބައޮތް ކަމަށެވެ. އަދި ފެނުގެ ހިދުމަތް 64 ރަށެއްގައި ކުރެވޭ މަސައްކަތާއި އެކު 57 ރަށެއްގައި ނަރުދަމާ އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް މިހާތަަނަށް 1.86 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އަދި މި ފަސްއަހަރު ތެރޭގައި ހުރިހާ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައީސް ސޯލިހު ދެމިހުންނަވާނެ ކަމަށެވެ.
"ތަރައްގީ ވެފައިވާ ގައުމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައި އޮތްއިރު ތަރައްގީ ވެފައި އޮތް ގައުމަކަށް ވުމަށް ކައިރިވެފައިވާ ހިސާބަށް ގެންދިޔުމަށް މަނިކުފާނު އިރާދަކުރެއްވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ" އަސްލަމް ވިދާޅުވި އެވެ.