މުހައްމަދު އަސްލަމް

މާލެ ސަރަހައްދުގެ ގޯތިތަކަށް މިމަހު 26 ގައި ހުޅުވާލަނީ

Jun 15, 2022
2

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލެ ރައްޔިތުންނަށް ދޫކުރުމަށް ނިންމާފައިވާ ގޯތިތަކާ ގުޅޭ ގޮތުން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު އެ ގޯތި ތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމިފައިވާ 1،344 ހައުސިން ޔުނިޓަކަށް ކުރިމަތިލައި އެމީހުން ދިރިއުޅޭ އަޑު ދެން ވަރަށް އަވަހަށް އިވޭނެ ކަމަށެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް މާލޭ މީހުންގެ ގޮތުގައި ކުރިމަތިލެވޭނެ މީހުން މާނަކުރާ ގޮތް ވެސް މިނިސްޓަރު އަސްލަމް މިއަދު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

"މިޕްރޮގްރާމުގެ ބޭނުމަށްޓަކައި މާލެ ރައްޔިތުންގެ ގޮތުގައި ސަރުކާރުން ނިންމަވާފައިވަނީ އެއީ މާލެ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ވެފައި ނުވާ ރައްޔިތުންނޭ އެއީއޭ މާލޭގެ ރައްޔިތުންނަކީ. އެހެންވީމާ އެ ޑެފިނިޝަންގެ ތެރެއިންދާ ކަމަށްވަންޔާ މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުން އެއީ މިޕްރޮގްރާމުގެ ބޭނުމަށް މާލެއިން ދޭ ގޯތި ލިބޭނެ ފަރާތްތަކަކަށް ނުވާނެ. އެހެންނަމަވެސް ދަފްތަރުގައި ޖެހިފައި ހުރި މީހަކަށް ލިބޭ ދަރިން އެއީ މާލެ ނޫން އެހެން ތަނެއްގައި އެ ދަރިއަކު ރަޖިސްޓްރީވެފައި ނެތް ކަމަށްވަންޔާ އެއީ މިޕްރޮގްރާމުގެ ބޭނުމަށް ގޯތި ލިބޭނެ ފަރާތެއް،" އަސްލަމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.

މިމަހުގެ އަށްވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް ސޯލިހް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ މަޝްރޫއުގެ ދަށުން މިމަހު އެކަމަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމަށެވެ.

ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި މާލޭ ރަށްވެހިންނަށް ބިންވެރިކަން ހޯދައިދިނުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފަހުން ކުރަން ހުރި ކަންކަން މިހާރު ވަނީ ނިމިފަ އެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ. އެއީ ހުޅުމާލެ އިން 1،000 ގޯތި އަދި ހުޅުމާލެ އިން 2،000 ގޯއްޗެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ މަހުގެ ތިންވަނަ ދުވަހު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ "ލާނިހާޔަތުގައި" ކަމަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހްސާސް އަބަދުވެސް ކުރެއްވޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.