މުހައްމަދު އަސްލަމް

މިވެރިކަމުގައި އެއާޕޯޓްތަކެއް ނުނިންމޭނެ: އަސްލަމް

Jun 1, 2022
2

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮގެން ރާއްޖޭގެ ހަ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ ހަ އެއާޕޯޓްގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ނިންމާނުލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ސަރުކާރުން އިއުލާންކޮށްފައިވާ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ށ. ބިލަތްފަހީގެ އެއާޕޯޓްގެ މަސައްކަތް ފެށުމާ ގުޅޭގޮތުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތި. ވިލުފުށި، ފ. މަގޫދޫ އަދި ރަ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގަ އެވެ.

މިރަށްތަކުގައި ކްރޮސް ސަބްސިޑީ މޮޑެލްއަށް އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.

މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބިލަތްފަހީގައި 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެއް އަޅަން ނިންމާ، އެ މަސައްކަތް ޑިޒައިންކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިލަތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށްފަހު ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ބިލަތްފަހީގެ އެއާޕޯޓް މަޝްރޫއަށް 23 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެއާޕޯޓްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލުމުން 12 ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ކުންފުނިތަކެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިސާ ހުރިކަން ޔަގީންކޮށްދޭ ކުންފުނިތަކާ އެކު އެމްއޯޔޫއެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއްބަސްވުމެއްގެ ޑްރާފްޓެެއް ހަދައި ބަންޑާރަނައިބުގެ ލަފާފުޅަކަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ފައިސާ ހުރި ކަން ކުންފުންޏަކަށް ޔަގީންކޮށްނުދެވިއްޖެނަމަ އިތުރު ބަޔަކާ އެކު އަނެއްކާވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން [ހަ އެއާޕޯޓް] އަޅާ ނުނިންމޭނެކަން ބާކީ މިއޮތް މުއްދަތުގެ ތެރޭގައި. އެހެންނަމަވެސް މަސައްކަތްތައް ފެށިއްޖެނަމަ އެ މަސައްކަތް ކޮންމެ ގޮތެއް ވިޔަސް ކުރިއަށް ދާނެ." އަސްލަމް ވިދާޅުވި އެވެ.

ކްރޮސް ސަބްސިޑީ މޮޑެލްއަށް އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރުމަށްފަހު އެ މޮޑެލްގެ ދަށުން އެއާޕޯޓް އެޅުމުން ރިސޯޓު ހަދަން ދޫކުރާ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދުވެސް ސަރުކާރުން ވަނީ ކުޑަކޮށްދީފަ އެވެ. ކުރިން ފަސް މިލިއަން ޑޮލަރު ދައްކަންޖެހުނު ނަމަވެސް މިހާރު ވަނީ އެ އަދަދު ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.