ހަބަރު

މާފުށީ ބިން ހިއްކާނީ ރިސޯޓެއް ގޮތަށް: އަސްލަމް

ކ. މާފުށީގެ ބިން ހިއްކާނީ ރިސޯޓް ކޮންސެޕްޓަށް ކަމަށާއި ކުރީ ސަރުކާރުން އެކަން ކުރަން އުޅުނީ ރަނގަޅަކަށް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާފުށި ބިންހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ބިން ހިއްކަން ޖެހެނީ ހަމައެކަނި ރަށުގެ ބިން ބޮޑު ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި މި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތަށް ކުރިއަށް ގެންދާނީ އެ ރަށެއްގެ އިގްތިސޯދު ބިނާވެފައި އޮންނަ ގޮތަކަށް ބަލައިގެން ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީ އިން މާފުށި ބިން ހިއްކާ ސަރަހައްދުގެ ޑިޒައިން ފެނިފައި ގިނަ ބަޔަކު އެއީ ފަޅެއް ހިއްކައިގެން ރިސޯޓެއް އެޅުމުގައި ބޭނުމުގައި ތައްޔާރުކުރި ކުރެހުމެއްތޯ ސުވާލު ކުރި ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާފުއްޓަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެފައިވާ ރަށަކަށްވާއިރު އެރަށުގެ ބިން ހިއްކަން ޖެހޭނީ ރިސޯޓުތަށް އަޅާއިރު ބިން ހިއްކާ ގޮތަށް ކަމަށެވެ. އޭރުން މިހާރު އޮތް އެރަށުގައި އޮތް ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"މާފުށީގެ ބިން ހިއްކުމުގައި އަޅުގަނޑުމެން ގެންގުޅުނީ ވިސްނުމެއް، މިރަށުގެ އިގްތިސޯދު ބިނާވެފައިވާ އޮތް ގޮތް އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ދެނެގަންނަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑުމެން ބަލައިގަތިން، ފެނިވަޑައިގަންނަވާނެ ބިން ހިއްކުމަށް ކުރާހާފައިވާ ކުރެހުމަށް، އާންމު ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ހިއްކާ ޒާތަކަށް ނޫންކަން މިކަން ޝޭޕް ކުރެވިފައިވަނީ، މިތަން އެންމެ ގާތްވާނީ ރާއްޖޭގެ ރިސޯޓުތަށް ހެދުމަށް ހިއްކާ އޮތް ބިންތަކުގެ ގޮތަށް، ބައެއް މީސް މީހުން އަޅުގަނޑުމެންނާ ސުވާލުވެސް ކުރި، ތިއުޅެނީ ރަށެއް ހިއްކާކަށް ނޫންހޭ، ރިސޯޓެއް އަޅަން ނޫން ހެއްޔޭ އަޅުގަނޑަށް ނޭގެ މާފުށީގަ ރިސޯޓެއް ނޯންނާވި ސަބަބެއް" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ބިން ހިއްކާނީ ޖަޒީރާ ރާއްޖޭގެ އުސޫލުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ކުރީ ސަރުކާރުން ބިން ހިއްކި ރަށްރަށުގެ އަތިރި މައްޗަށް ނުވަތަ މޫދަށް ދާން ޖެހޭނީ ތޮށިގަނޑު މަތިން ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ތޮށިގަނޑުގެ ބަދަލުގައި ހަމަ އާންމު އުސޫލުން އަތިރި މަތިން ހިގާލާފައި ގޮސް މޫދަށް އެރެވޭނެ ފަދަ ގޮތަކަށް ބިން ހިއްކުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި ރާއްޖޭގައި ބިން ހިއްކައި އުޅެނީ ރަށާއި ޖެހިގެން ބިމަށް ބައެއް ބޮޑު ކޮށްލާފަ އެ ބޮޑުކުރި ބާއެކީގެ ތޮށިން ހިމާޔަތްކޮށްފަ ބާއްވާ ކަހަލަ އުސޫލަކުން" ކުރީ ސަރުކާރުގެ މަސައްކަތައް ފާޑު ވިދާޅުވަމުން އަސްލަމް އިތުރަށް ވިދާޅުވި އެވެ.

މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ 249 ދުވަހުން 25 ހެކްޓަރުގެ ބިން ހިއްކައި 1110 މީޓަރުގެ ރިވެޓްމެންޓް ގާއިމްކުރާ ގޮތަށް 99.981.373 ރުފިޔާއަށެވެ.