ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ދެކުނުގެ އަތޮޅުތަކުގައި މިއަހަރުގެ ޖުލައި ހިސާބުގައި ފެށުމަށް ރާވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫގައިވެސް ފެރީގެ ހިދުމަތް ފެށުމަށް ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޕްލޭންކޮށްފައި މި އޮތީ މިއަހަރުގެ ޖުލައިއާ ހިސާބަށް ހުވަދު އަތޮޅުއަށް އަދި އައްޑޫ، ފުވައްމުލައްވެސް ހިމެނޭ ގޮތަށް ސަދަން ރީޖަންގައި އެ މަސައްކަތް ފަށަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އާރްޓީއެލް ފެރީ ކުރިން ބަނދެފައިވަނީ ގަލްފް ކްރާފްޓުން ކަމަށާއި މިހާރު ފެރީ ބަނުމުގެ މަސައްކަތް ކުރަނީ އަލް ޝާލީ މެރިން އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ފެރީ ބަނުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމުން ޕްރޮޓޯޓައިޕް ފެރީއެއް ބަނދެ ޓެސްޓްތައް ކޮށްފައިވާ ކަމަށެވެ.
"އެހެން ބިލްޑަރަކު އައީމަ އެމީހުންލައްވާވެސް އަޅުގަނޑުމެން ޖެހުނު ޕްރޮޓޯޓައިޕް ވެސަލްއެއް ބަންނަން. އެ ވެސަލް ބަނދެފައި އޭގެ ޓެސްޓްތައް އަޅުގަނޑުމެން ހަދައިފިން. ރަނގަޅު. ރެކްޓިފައި (އިތުރަށް ރަނގަޅު ކުރަން) ބައެއް ކަންކަން އެބަހުރި. އެކަންކޮށް ނިންމާފަ މާޗް މަހުގެ ތެރޭގައި ފުލް ޕްރޮޑަކްޝަނަށް ދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ހުވަދު އަތޮޅަށް ބޭނުންވާ 10 އުޅަނދު ލިބި ޖުލައިއާ ހިސާބުގައި ފެރީ ދަތުރުތައް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ އާރްޓީއެލްގެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ 65 ލޯންޗް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ސެޕްޓެމްބަރު 2022ގަ އެވެ.
ފެރީތައް ބަންނަން ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާއަށެވެ.
ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022ގަ އެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ހއ. އަތޮޅާއި އދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި އާރްޓީއެލްގެ ފެރީ ހިދުމަތް އަންނަނީ ދެމުންނެވެ.
އާރްޓީއެލްގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.