ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ޅ. އަތޮޅުގައި އާރްޓީއެލް ހިލޭ ދަތުރު މުއްދަތު އިތުރުކޮށްފި

ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ.

ފެރީތަކުގެ ޓެކްނިކަލް ދަތުރުތައް ނިންމުމަށްފަހު ޅ. އަތޮޅުގައި މިމަހުގެ 21 އިން 27 އަށް އާރްޓީއެލްގެ ފެރީ ދަތުރުތައް ކޮށްފައިވަނީ ހިލޭ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދާ "އަހުލުވެރިކަމުގެ ދަތުރު"ގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ޅ. އަތޮޅުގައި އާރްޓީއެލް ފެރީ އިން އަގު ނަގަން ފަށާނެ ތާރީހު ޕްލޭނިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

އިންޓަގްރޭޑެޓް ނޭޝަނަލް ޕަބްލިކް ނެޓްވޯކް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ރަސްމީކޮށް ފެށީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި މަހުގެ 17 އިން 20 އަށް ކުރިއަށް ގެންދިޔައީ ސްޕީޑް ފެރީތަކުގެ ޓެކްނިކަލް ދަތުރުތަކެވެ. ޓެކްނިކަލް ދަތުރުތައް ނިންމާލުމަށްފަހު މިމަހުގެ 21 އިން 27 އަށް ކަސްޓަމަރުންނަށް ހިލޭ ދަތުރުކޮށްދިނުމަށްފަހު ކުރިން ހަމަޖެއްސީ 28 ވަނަ ދުވަހުން ފެށިގެން ހިދުމަތުން އަގު ނެގުމަށެވެ.

ހއ. އަތޮޅާއި އދ. އަތޮޅާއި ށ. އަތޮޅުގެ 41 ރަށަށް އާރްޓީއެލްގެ ފެރީ ހިދުމަތް އަންނަނީ ފޯރުކޮށްދެމުން ނެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

އާރްޓީއެލްގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.