ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީގެ ހިދުމަތާ ގުޅޭ ދިރާސާއެއް ހަދަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތާ ގުޅޭ ދިރާސާއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މިދިރާސާގައި އާރްޓީއެލްގެ ފެރީ ހިދުމަތާ އެކު ސިއްހީ ހިދުމަތްތައް ހޯދުމުގައި ލިބުނު ފަސޭހަތަކާއި، ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދިޔަ މިންވަރާއި، ތަައުލީމު ހޯދުމަށް ލިބުނު ފަސޭހަތަކާއި، ޓޫޒިޒަމާއި ލޯކަލް ޓޫރިޒަމާއި އިގްތިސާދީ އެހެން ދާއިރާތަކަށް ފެރީ ހިދުމަތާ ގުޅިގެން ލިބުނު ކުރިއެރުމާ ފައިދާއަކީ ކޮބައިކަން ދެނެގަންނާނެ އެވެ.

މި ދިރާސާ ކުރިއަށްދާނީ 13 ހަފުތާގެ މުއްދަތަކަށެވެ. ދިރާސާ ނިންމުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަހު ދިރާސާގެ ރިޕޯޓް ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.

ދިރާސާ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ޕްލޭނިން މިނިސްޓްރީގައި ބޭއްވުމަށް ވަނީ ނިންމާފަ އެެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިންނެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.