ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މިއަދު ނ. އަތޮޅުގައި ފަށައިފި އެވެ.

އެމްޓީސީސީ އިން ނ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުންކުރަން ނިންމާފައިވަނީ 50 މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.

ނ. އަތޮޅުގައި މިއަދު އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމާ އެކު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު މިހާރު މިވަނީ ފެރީ ނިޒާމަކުން ގުޅާލެވިފަ އެވެ.

ނ. އަތޮޅާއި ޖެހިގެން އޮތް ރ. އަތޮޅުގައި ކުރިއަށް އޮގަސްޓް މަހު އަދި ރ. އަތޮޅާއި ޖެހިގެން އޮތް ބ. އަތޮޅުގައި މިއަހަރުގެ ސެޕްޓެމްބަރު އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ބ. އަތޮޅާއި ޖެހިގެން އޮތް ޅ. އަތޮޅުގައި މިހާރުވެސް އާރްޓީއެލް ފެރީގެ ހިދުމަތް ދެމުންދެ އެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަށް އަދި އައްޑޫވެސް ވަނީ ފެރީގެ ނިޒާމަކުން ގުޅާލާފަ އެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެ އެވެ.