އެމްޓީސީސީ

ނ، ރ، ބ، އަތޮޅުގައި އާރްޓީއެލް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި އާރްޓީއެލް ފެރީގެ ހިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި އާރްޓީއެލް ރަސްމީކޮށް ނ. ރ. އަދި ބ. އަތޮޅުގައި އިފްތިތާހު ކުރެވުމާޢެކު މި އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެކަން އެމްޓީސީސީން ފާހަގަ ކުރެ އެވެ.

އާރްޓީއެލް ފެރީ ހިދުމަތް ފެށިފައިވާ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައިވެސް މެދުކެނޑުމެއްނެތި ފެރީގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާޢި ގުޅިގެން ކުރެވެމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން އާރްޓީއެލް ފެރީގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތައް ދެމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.