ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ތިލަދުންމަތީގައި އާރްޓީއެލް ނިޒާމާ ބެހޭ ދިރާސާއެއް ފަށަނީ

ރާއްޖޭގެ އެންމެ އުތުރު -- ތިލަދުންމަތީގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ނިޒާމާ ގުޅޭ ދިރާސާއެއް އެ ފެށުމަށް ނިންމައިފި އެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ވަނީ ހއ، ހދ، އަދި ށ އަތޮޅު (ޒޯން އެކެއް)ގައި ފެރީގެ ނިޒާމުން ފަސޭހައިން ދަތުރުކުރެވޭ ނިޒާމެއް ގާއިމުކޮށްފަ އެވެ. މި ނިޒާމާ ގުޅިގެން އިޖުތިމާއީ އަދި އިގްތިސޯދީ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ.

ދިރާސާ ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑަށެވެ. މި މަހު ފަށާ ދިރާސާ އަންނަ މަހާ ހަމައަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދިރާސާއިން އާރްޓީއެލް ފެރީގެ ނިޒާމާ ބެހޭ އެތައް މައުލޫމާތެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދިރާސާގެ މަގުސަދަކީ މުޖުތަމައުގެ އެކި ފަރާތްތަކަށް ކުރާ އަސަރުތައް ދެނެގަތުން ކަމަށްވެސް މައުލޫމާތު ދެއެވެ.

ދިރާސާގައި ހިމެނޭނެ ފަރާތްތައް:

  • ފެރީގެ ހިދުމަތް ބޭނުންކުރާ ފަރާތްތައް
  • ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް
  • މި މުއައްސަސާތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަށް
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަށް
  • ވިޔަފާރީތައް
  • ތަފާތު ސިނާއަތްތައް

ދިރާސާއަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ސާވޭއާއި ފޯކަސް ގުރޫޕުތަކުގެ އިތުރުން އިންޓަވިއުތައް ޒޯން އެކެއްގައި ކުރިއަށްގެންދާއިރު އެފްޖޭއެސް ކޮންސަލްޓިންއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.