ކ. މާފުށްޓާއި އެރަށުގެ ފަޅުތެރެއިން ހިއްކި ބިން ގުޅާލުމަށް ބްރިޖު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މާފުށްޓަށް އިތުރު ބިމާ އެކު ހިއްކި ޕިކްނިކް އައިލެންޑްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ދެމެދު ދިގުމިނުގައި 137 މީޓަރު -- 450 ފޫޓުގެ ބްރިޖެއް އެޅުމަށް ހަމަޖެހިފައިވެ އެވެ. ބައިސްކަލް ލޭނަކާއި ހިނގާފައި އުޅޭ މީހުންނަށް ވެސް ހާއްސަ ލޭނަކާ ހެދު ހަދާ ބްރިޖުގެ ފުޅާމިނުގައި 65 ފޫޓު ހުންނާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެމްޓީސީސީ އަށް މަޝްރޫއު ހަވާލުކުރީ 35 މިލިއަން ރުފިޔާ އަށެވެ.
އެމްޓީސީސީން ވަނީ މާފުށި ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިއްކައި، 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާފަ އެވެ.
މާފުށްޓާއި އެރަށުގެ ފަޅުތެރެއިން ހިއްކި ބިން ގުޅާލުމަށް ބްރިޖު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި މިވަނީ އެމްޓީސީސީގެ މިސްރާބު ބަަދަލުކުރަންވީ ބްރިޖްއެޅުމާއި ބައިނަލްއަގްވާމީ މަޝްރޫއުތަކާއި ދިމާލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޓީސީސީގެ އަހަރީ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެެވެ.
މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ސޯލިހް ވިދާޅުވީ އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަައް ފުއްދޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.