އެމްޓީސީސީ

400 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު އެމްޓީސީސީއަށް

ފަސް ރަށެއްގައި 400 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 476.2 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ޏ. ފުވައްމުލައް އެތެރޭގެ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 255.2 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމަން ދީފައިވަނީ 730 ދުވަހެވެ.

އއ. އުކުޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 180 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރީ 28 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި އަނެއް ތިން މަޝްރޫއަކީ ތިން ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއެވެ. މީގެތެރޭގައި ހިމެނެނީ ދ. މާއެނބޫދޫ ބިން ހިއްކުން 300 ދުވަސް ތެރޭގައި ނިންމުމާއި، ލ. މާވަށާއި އދ. މަހިބަދޫ ބިން ހިއްކުން 240 ދުވަސް ތެރޭގައި ނިންމުމެވެ.

މާއެނބޫދޫ ބިން ހިއްކުން 82.9 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު މާވަށް ބިން ހިއްކުން ހަވާލުކުރީ 66.4 މިލިއަން ރުފިޔާ އަށެވެ. އަދި މަހިބަދޫ ބިން ހިއްކުން ހަވާލުކުރީ 43.7 މިލިއަން ރުފިޔާ އަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރާތީ އެއީ އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ.