ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓު ހަދަން އެެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެެވެ. އެމްޓީސީސީން ސޮއި ކުރީ، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެއާޕޯޓު ހެދުމަށް އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ. އެއީ، 144 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި ޓާމިނަލް އިމާރާތް ހަދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އިތުރު މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.

ހަވާލު ކުރި މަސައްކަތުގެ ތަފްސީލު:

  • ރ. ދުވާފަރު ބިން ހިއްކުން - 22.2 ހެކްޓަރުު 143 މިލިއަނަށް
  • ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން - 25 ހެކްޓަރު 123 މިލިއަނަށް
  • އއ. އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން - 10 ހެކްޓަރު 71 މިލިއަނަށް
  • ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން - 20 ހެކްޓަރު 105 މިލިއަނަށް
  • ގއ. ދާންދޫ ބިން ހިއްކުން - 25 ހެކްޓަރު 186 މިލިއަނަށް
  • މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން - 25 ހެކްޓަރު 121 މިލިއަނަށް
  • އއ. މާޅޮސް ބަނދަރު އަޕްގްރޭޑް ކުރުން - 56 މިލިއަނަށް
  • ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުން - 99 މިލިއަނަށް
  • އއ. އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުން - 19 މިލިއަނަށް